ކުޅިވަރު

މިހާލަތުގައި ގައުމީ ޖާޒިގައި ކުޅުމަކީ ފަސޭހަކަމެއް ނޫން: ސްކަލޯނީ


ކޯވިޑް-19 ގެ މިހާލަތުގައި ގައުމީ ޖާޒީގައި ކުޅުންތެރިން ނުކުމެ ކުޅުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

އާޖެންޓީނާ ވަނީ ކޮލިފައިންގައި ފުރަތަމަ މެޗުގައި ލިއޮނަލް މެސީގެ ލަނޑުން އިކުއެޑޯއާ ވާދަކޮށް 1-0 އިން މޮޅުވެފައެވެ.

މެޗާ ގުޅޭގޮތުން ސްކަލޯނީ ބުނީ މެޗުގައި ގައުމީ ޖާޒީގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ކުޅެފި ކަމަށާއި މިހާލަތުގައި އެ ކުޅުންތެރިން އާއިލާތަކަށް ދިމާވާ ނުތަނަވަސް ކަމާއެކު ގައުމު ތަމްސީލްކުރުން އެއީ އެހާ ފަސޭހަކަމެއް ނޫންކަމަށެވެ. އޭނާ ބުނީ އެންމެ މުހިންމުކަމަކީ މޮޅުވުން ކަމަށާއި އެކަން އާޖެންޓީނާއިން ކުރުމުން އުފާވާކަމަށެވެ. ސްކަލޯނީ ބުނީ މެޗު ކުޅުނު ދަނޑުގެ ވިނަގަނޑުގެ މައްސަލަތައް ވެސް ފާހަގަވިކަމަށާއި ސަޕޯޓަރުން ނެތި މިހުރިހާ ކަމާއެކު ކުޅެންޖެހުމަކީ ގޮންޖެހުން ބޮޑުކަމެއްކަމަށެވެ.

ސްކަލޯނީ ބުނީ އެކުގައި މަދު ދުވަސްތަކެއް ފަރިތަކޮށްލަން ލިބުމަކީވެސް ދިމާވި މައްސަލައެއްކަމަށެވެ. އާޖެންޓީނާގެ ކޯޗު ބުނީ ރަނގަޅުކުރަން ހުރި ގިނަކަންކަން ފާހަގަވި ކަމަށާއި މިއީ މިހާލަތުގައި ކުޅުންތެރިންގެ ވަމުންދާ ވަރަށް މަތިވެރި ގުރުބާނީއެއް ކަމަށް ސްކަލޯނީ ބުންޏެވެ. އާޖެންޓީނާގެ ކޯޗު ބުނީ ކޮލިފައިންގައި އެންމެ މުހިންމު ކަމަކީ ނަތީޖާ ހޯދުން ކަމަށާއި ކުރިޔަށް ހުރި މެޗުތަކުގައި ވެސް އާޖެންޓީނާއިން ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރާނެކަމަށެވެ.

އޭނާ ބުނީ ކުޅުންތެރިންގެ ރިކަވަރީއާ ކަންކަން ބެލުމަށްފަހު ނޫނީ ބޮލީވިޔާއާ ދެކޮޅަށް ކުޅޭ މެޗާ މެދު އެއްޗެއް ބުނެވެން ނެތް ކަމަށާއި ޒުވާން ކުޅުންތެރިން ކުޅުނު ފުރަތަމަ މެޗުން މޮޅުވުމުން ކުޅުންތެރިންގެ ރޫހު ވަރަށް ރަނގަޅު ކަމަށެވެ. އެންމެ ފަހުން އާޖެންޓީނާ ކުޅުނު އަށް މެޗުން ވެސް ބަލިވެފައެއް ނުވެއެވެ.