ކުޅިވަރު

ސްލޮވާކިޔާއިން އަޔަލެންޑްގެ އުންމީދު ފެނަށް ދުއްވާލައިފި


ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ރިޕަބްލިކް އޮފް އަޔަލޭންޑުން ކުރަމުން އައި އުންމީދު ރޭ ސްލޮވާކިޔާއާ ވާދަކޮށް ބަލިވުމުން ފެނަށް ހިނގައްޖެއެވެ.

ޔޫރޯ ކޮލިފައިން ޕޭލްއޯފްގައި ސްލޮވާކިޔާއިން ކުރިހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖެހި، އިތުރު ވަގުތުވެސް ކުޅެ އެއްވަރު ވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ. މެޗުގެ އިތުރު ވަގުތު ތެރޭގައި ވެސް އަޔަލެންޑުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން އެލަން ބްރައުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

ނަތިޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ސްލޮވާކިޔާއިން ހުރިހާ ޕެނެލްޓީއެއް ކާމިޔާބުކުރި އިރު އަޔަލެންޑުގެ އެލަން ބްރައުން ފޮނުވާލި ޕެނެލްޓީ ސްލޮވާކިޔާގެ ކީޕަރު މާރެކް ރޮޑާކް ދިފާއުކުރި އިރު މެޓް ޑިހޯޓީ ޕެނެލްޓީ ދިޔައީ ބޭރަށެވެ.

ޔޫރޯ ކޮލިފައިން ޕްލޭއޯފް ފަހު މެޗުގައި އަންނަ ނޮވެންބަރު މަހު ސްލޮވާކިޔާ ނުކުންނާނީ ނޮދަން އަޔަލެންޑާ ދެކޮޅަށެވެ.