ކުޅިވަރު

ޖަރުމަނާއި ތުރުކީ މެޗު އެއްވަރު


ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރޭ ޖަރުމަނު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޖަރުމަނާ ތުރުކީ ވާދަކުރި އެކުވެރިކަމުގެ މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޖަރުމަނަށް ލަނޑުތައް ޖަހައިދިނީ ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހޫލިއަން ޑްރެޒްލާ، ފްލޮރިއަން ނީހުއަސް އަދި ޖިއަން ލޫކާ ވަލްޑްޝްމިޓްއެވެ. ތުރުކީއިން މި މެޗުގައި ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އޮޒަން ޓުފާން، އެފެކަން ކަރަކާ އަދި ކެނަން ކަރަމަންއެވެ. ކަރަމަން ތުރުކީއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗު ފަހު މިނެޓުގައެވެ. ޖަރުމަނު ވަނީ ރޭގެ މެޗުގައި ތިން ފަހަރު މަތިން ލީޑުވެސް ނަގާފައެވެ.

ޖަރުމަނުގެ ކެޕްޓަން އަދި ކީޕަރު މެނުއަލް ނޯއާ އާއި ސާޖް ގެންބްރީއަށް އަރާމުކުރަން ޖަރުމަނު ކޯޗު ޔަކީމް ލޯ ފުރުސަތު ދީފައެއްނުވެއެވެ. ޖަރުމަނު އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ގިނައިރު ބޯޅަ ހިފައްޓައިގެން މޮޅަށް އެޓީމުން ވަނީ ކުޅެފައެވެ. ރޭގެ މެޗުގައި ޖަރުމަނުގެ ގޯލް ބަލަހައްޓައިފައި ވާނީ އާސެނަލްގެ ކީޕަރު ބާންޑް ލެނޯއެވެ. މިއީ ފުރަތަމަ އެގާރާއިގައި ހިމެނިގެން ލެނޯ ޖަރުމަނުގެ ޤައުމީ ޓީމަށް ކުޅުނު އަށްވަނަ މެޗެއެވެ.

ޖަރުމަނުގައި ކޯވިޑް-19އާ ގުޅިގެން ކުރިން 9200 ސަޕޯޓަރުން ދަނޑަށް ވައްދަން އޮތް ނަމަވެސް ފަހުން އެ އަދަދު 300 ބަދަލުކޮށް އެއަދަދަށް ރޭ މެޗު ބެލުމަށް ސަޕޯޓަރުން ވަނީ ދަނޑަށް ވައްދާފައެވެ.

ޖަރުމަނުން އަންނަ އާދީއްތަ ދުވަހު ޔުއެފާ ނޭޝަންސް ލީގުގައި ޔޫކްރެއިނާ ދެކޮޅަށް ނުކުންނައިރު އަންގާރަ ދުވަހު ނުކުންނާނީ ސްވިޒަލޭންޑާއި ދެކޮޅަށެވެ.