ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ފްރޭންކް ޑި ބޮއާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗުން އެޓީމު ބަލިވެއްޖެއެވެ.
ރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން ނެދަލޭންޑްސް ބަލިވީ މެކްސިކޯއާ ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ހަމައެކަނި ލަނޑު ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރީ މެކްސިކޯގެ ފޯވާޑް ރައުލް ޖިމިނޭޒްއެވެ. މިއީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 25 ވަނަ ލަނޑުއެވެ. މިލަނޑު ކާމިޔާބު ކުރުމުގެ ކުރިން ޖިމިނޭޒްއަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އޭގެތެރެއިން ބައެއް ހަމަލާތައް ވަނީ ނެދަލެންޑްސް ކީޕަރު ޓިމް ކުރޫލް ދިފާއުކޮށްފައެވެ. މިއީ އޭނާ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެއެވެ.
ނެދަލޭންޑްސްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު މެޗުގެ ދެވަނަ ހާފްގައި ނެދެލަންޑްސް މެޕިސް ޑިޕޭއަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނެދަލޭންޑްސްގެ ކޯޗުކަމާ ޑިބޮއާ ހަވާލުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
ޔުއެފާ ނޭޝަންސް ލީގުގައި އަންނަ އާދީއްތަ ދުވަހު ނެދަލޭންޑްސް ނުކުންނާނީ ބޮސްނިއާ ދެކޮޅަށެވެ.