ޚަބަރު

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައިގެ ހުކުމް މިއަދު


ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމްކުރުން މިއަދަށް ތާވަލް ކޮށްފިއެވެ.

ޔާމީންގެ ބޭންކް އެކައުންޓްތައް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރުގެ މާޗް މަހު ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލާފައެވެ.

ސުޕްރީމް ކޯޓުން ބުނީ ރައީސް ޔާމީންގެ އެ މައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު 1:00 އަށް ކަމަށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބުދުލްޤައްޔޫމުގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް ދައުލަތުން އެދިފައިވާ މައްސަލައިގެ ފަހު އަޑު އެހުމުގައި އެމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުންވަނީ ގިނަ ސުވާލުތަކެއް ދައުލަތަށާއި، ފުލުހުންނަށާއި، އަދި ދައުވާ ރައްދުވާ ފަރާތުގައިވެސް ކޮށްފައެވެ.

މި މައްސަލަބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު ޙުޞްނުއްސުއޫދު ވަނީ ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާތަކުގެ މައްސަލަ ތަހުޤީޤު ކުރަމުންދޭތޯ ސުވާލު ކުރައްވާފައެވެ. މިކަމުގައި ފުލުހުން ވިދާޅުވީ ރައީސް ޔާމީންގެ އަށް އެކައުޓެއްގައި ހުރި ފައިސާތަކާއި ގުޅޭ ދެ މައްސަލައެއް މިހާރުވެސް ތަހުގީގް ކުރަމުންދާކަމަށެވެ. ނަމަވެސް އެއީ ކޮން ދެ މައްސަލައަކާއި ގުޅުންހުރި ފައިސާތަކެއް ކަމެއް ފުލުހުން ވިދާޅުވެފައި ނުވެއެވެ.

ފުލުހުންގެ މިވާހަތަކާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ފުލުހުން އެހެން ވިދާޅުވި ނަމަވެސް އެއްވެސް ބޭންކެއްގައި ހުރި އެމަނިކުފާނުގެ ފައިސާތަކާއި ގުޅޭ ތަހުގީގެއް ނުކުރައްވާކަމަށެވެ. ނަމަވެސް ފުލުހުން ވަކި މައްސަލައަކާއި ގުޅިގެން ވަރަށް ޖެނެރަލް ތަހުގީގެއް ހިންގަމުންދާކަމަށާއި، ވަކި ކަމާއި ގުޅިގެން އެއްވެސް އެކައުންޓެއްގައި ހުރި ފައިސާގެ ތަހުގީގެއް ފުލުހުން ހިންގަމުން ނުދާކަމަށެވެ.

އެދުވަހުގެ އަޑު އެހުމުގައި ފުލުހުން ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ބޭންކް އެކައުންޓުތަކުގައި ހުރި ފައިސާތަކާއި ގުޅޭ ދެ މައްސަލައެއް މިހާރުވެސް ތަހުޤީޤު ކުރަމުންދާކަމަށް ވިދާޅުވެފައެވެ.