މިދިޔަ ހުކުރު ދުވަހު މައްކާގެ ޙަރަމްފުޅު ހިމެނޭ ޞަރަޙައްދުގައި ހިނގި ކްރޭން ވެއްޓުމުގެ ހިތާމަވެރި ޙާދިސާއަކީ އެކްސިޑެންޓެއް ކަމަށް ސައުދީ ޝާހީ ކޯޓުން ނިންމައިފިއެވެ.ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ޙަރަމްފުޅުގެ ތެރެއަށް ކްރޭން ވެއްޓުނު އިރު، ކްރޭން ބަހައްޓާފައި ވަނީ ގަވާއިދާއި ހިލާފަށް ކަމަށެވެ. ނަމަވެސް، އެ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ނެތް ކަމަށް ކޯޓުން ބުނެފައިވެއެވެ.މީގެ އިތުރުން ޙަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކުންފުނި ކަމަށްވާ ބިންލާދިން ގްރޫޕަށް ހަރަމްފުޅާ ބެހޭ އިތުރު އެއްވެސް މަސައްކަތެއް ހަވާލު ނުކުރުމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ. އަދި، އެ ގްރޫޕުން މިހާރު ކުރަމުންދާ ހުރިހާ މަސައްކަތްތަކެއް އަލުން ބެލުމަށްވެސް ކޯޓުން އަމުރުކޮށްފައިވެއެވެ.މި ހާދިސާގެ ފުރިހަމަ ތަހުގީގު ނިމި، ހާދިސާގައި ޝަހީދުވި މީހުންނާއި އަނިޔާވި މީހުންނަށް ބަދަލުދީ ނިމުމުގެ ކުރިން އެ ގްރޫޕްގެ އިސް އެއްވެސް ފަރާތެއް ގައުމުން ބޭރަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.ހުކުރު ދުވަހުގެ ކްރޭން ވެއްޓުމުގެ ޙާދިސާގައި 111 މީހަކު ޝަހީދުވެ،331 މީހުން ޒަޚަމްވެފައިވެއެވެ.މި ހާދިސާއާއި ގުޅިގެން ސައުދީ ރަސްގެފާނުވަނީ، މި ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާގެ ދެ މެންބަރަކަށް އަންނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާ، އަދި މި ހާދިސާގައި ޒަޚަމްވި މީހުންގެ ތެރެއިން ސިއްހީ ހާލަތު މެދުވެރިވެފައިވާގޮތުން މިއަހަރު ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ކުޅާދާނަވެގެން ނުވާ މީހުންނަށްވެސް އަންނަ އަހަރު ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ފުރުޞަތު ދިނުމަށް ނިންމަވާފައެވެ.އަދި މި ޙާދިސާގައި މަރުވި މީހުންގެ މަރުގެ ދިޔައިގެ ގޮތުގައި ކޮންމެ މީހެއްގެ އާއިލާއަށް އެއް މިލިޔަން ސައުދީ ރިޔާލް ދިނުމަށާއި ޙާދިސާގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމާއި ކުރިމަތިލާންޖެހިފައިވާ ފަރާތްތަކައްވެސް ބަދަލުގެ ގޮތުގައި އެއް މިލިޔަން ސައުދީ ރިޔާލް ދިނުމަށްވެސް ސައުދީ ރަސްގެ ފާނު ވަނީ އަމުރު ކުރައްވާފައެވެ. މީގެ އިތުރުން މި ޙާދިސާގައި އެކިވަރުގެ ޒަޚަމް ލިބުމު ކޮންމެ ޙައްޖާޖީއަކަށްވެސް ބަދަލެއްގެ ގޮތުން ފައްސަތޭކަ ހާސް ސައުދީ ރިޔާލް ދިނުމަށްވެސް ސައުދީ ރަސްގެފާނު ސަލްމާން ވަނީ އަމުރު ކުރައްވާފައެވެ.