މިސީޒަންގައި ވާދަކުރަމުންދާ ކޮންމެ މުބާރާތެއްވެސް ކާމިޔާބުކުރޭ ފެންވަރު ޗެލްސީގައި އެބަހުރިކަމަށް ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.
މިރޭ އިނގިރޭސި ލީގު ކަޕުގެ ހަތަރު ވަނަ ބުރުގައި ޓޮޓްނަމްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ލަމްޕާޑު ބުނީ މި ސީޒަންގައި ޓޮޓްނަމްގެ ސްކޮޑު ފެންނަނީ މާ ވަރުގަދަކޮށް ކަމަށާއި އެހެންނަމަވެސް ޓޮޓްނަމުން ޗެލްސީގެ މައްޗަށް ކުރިހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އޭނާގެ ކުރީގެ ކޯޗު މޮރީނިއޯ އާ ދެކޮޅަށް ކުޅޭ ކޮންމެ މެޗެއް ވެސް އެހާ އުނދަގޫ ކަމަށާއި މިރޭގެ މެޗުވެސް އެހާ ފަސޭހަ ނުވާނެކަމަށް ލަމްޕާޑު ބުންޏެވެ.
މިހާރު ޔުރޮޕާ ލީގުގެ ކޮލިފައިން މެޗުތަކުގައި ޓޮޓްނަމް ވާދަކުރަމުންދިޔަ ނަމަވެސް އެޓީމު އޮތީ ވަރަށް ފޯމުގައި ކަމަށް ލަމްޕާޑު ބުންޏެވެ. މިދިޔަ ހަފްތާތަކުގައި ވަރަށް ބުރަކޮށް ޓޮޓްނަމުން މަސައްކަތް ކޮށްފިކަމަށާއި އޭގެ ނަތީޖާވެސް އެޓީމުން ދައްކާފައިވާކަމަށް ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.
ލަމްޕާޑު ބުނީ ލީގު ކަޕުން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތަށް ނުދެވުނަސް މީއީ ވެސް މުހިންމު މުބާރާތެއްކަމަށާއި އެކަމަށް ހުރިހާ ޓީމުތަކުން ވެސް އިހުތިރާމް ކުރަންޖެހޭކަމަށެވެ. އަދި އަމާޒަކީ މި ސީޒަންގައި ވާދަކުރާ ކޮންމެ މުބާރާތެއް ވެސް ކާމިޔާބު ކުރުންކަމަށް ޗެލްސީގެ ކޯޗު ބުންޏެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ލަމްޕާޑު ބުނީ މިރޭގެ މެޗުގައި ދާދިފަހުން 22 މިލިއަން ޕައުންޑުގެ އަގަކަށް ޓީމާ ގުޅުނު ކީޕަރު އެޑުވާޑް މެންޑީގެ އިތުރުން ބެން ޗިލްވެލް ވެސް މެޗުގައި ފެނުމުގެ ފުރަސަތު އެބައޮތްކަމަށެވެ. އެހެންނަމަވެސް ހަކީމް ޒިއެޗް އާއި ކްރިސްޓަން ފުލިސިޗްއަށް އިތުރު ވަގުތު ބޭނުންވާކަމަށް ލަމްޕާޑް ބުންޏެވެ.
ޗެލްސީގެ ޒުވާން ކީޕަރު ކެޕަ ޖެނުއަރީ ޓްރާންސްފާ މާކެޓާ ހަމަޔަށް ޓީމުގައި މަޑުކުރާނެކަމަށް ލަންޕާޑު ބުންޏެވެ. 2018 ވަނަ އަހަރު ލީގު ކަޕުގެ ސެމީ ފައިނަލުގައި މި ދެޓީމު ވަނީ ވާދަކޮށްފައެވެ. އެފަހަރު ޕެނަލްޓީގައި ކުރި ހޯދައިގެން ޗެލްސީ ވަނީ ފައިނަލުން ފުރުސަތު ހޯދާފައެވެ.