އިނގިރޭސި ޕްރިމިއަރ ލީގުގައި މާނޭގެ ދެ ގޯލާއެކު ލިވަޕޫލްއިން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލުން ޗެލްސީގެ މައްޗަށް ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.
މި މެޗު ލިވަޕޫލުން ޑޮމިނޭޓުކޮށްގެން ކުޅުނު ނަމަވެސް، ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއްނުވެއެވެ. މެޗުގައި ޗެލްސީއަށް އުދަނގޫތަކަކާ ކުރިމަތިލާން ޖެހުނީ އެޓީމުގެ ޑިފެންޑަރު އަންދްރެއަސް ކްރިސްޓައެންސަން އަށް ރަތް ކާޑު ދެއްކި ހިސާބުންނެވެ.
ދެވަނަ ހާފު ފަށައިގެން ރަނގަޅަށް ކުޅެމުން އައިސް ލިވަޕޫލްގެ މާނޭ ވަނީ ދެ ގޯލު ޖަހައިފައެވެ. ފިރްމީނިއޯ ނެގި ހުރަހެއް ބޮލުން ޖަހައި ފުރަތަމަ ގޯލު ޖަހައިފައިވަނީ 50 ވަނަ މިނެޓުގައެވެ. އޭގެ ހަތަރު މިނެޓު ފަހުން ޗެލްސީގެ ކީޕަރު ކެޕާ ހެދި ގޯހަކުން މާނޭ ވަނީ ދެވަނަ ގޯލު ކާމިޔާބު ކޮށްފައެވެ.
މި މެޗުގެ 75 ވަނަ މިނެޓުގައި ޗެލްސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ދިފާއުކޮށްފައެވެ.
މި މޮޅާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެގެން ހޯދި 6 ޕޮއިންޓާއެކުއެވެ. މި މެޗުން ބަލިވި ޗެލްސީ 10 ވަނައިގައި އޮތީ ދެ މެޗު ކުޅެގެން ހޯދި ތިން ޕޮއިންޓާއެކުއެވެ.