ޚަބަރު

ނުހައްޤު އަނިޔާލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި


2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށް އިންތިޤާލީ އިންސާފުގެ ބިލަށް އާއްމުންގެ ފަރާތުން ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހަޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ އިންތިޤާލީ އިންސާފުގެ ބިލަށް ޢާންމުންގެ ޚިޔާލު ހުށަހެޅުއްވުމުގެ ފުރުޞަތު، މި ބިލާއި ގުޅޭގޮތުން ބާއްވާ ޕަބްލިކް ފޯރަމް ބޭއްވުމަށް ނިންމަވާ ތާރީޚުގެ ނިޔަލަށް އިތުރުކުރެއްވުމަށް އެ ކޮމިޓީން ވަނީ ނިންމަވާފައި ވާކަމަށެވެ.

މިބިލު ހުށަހެޅުއްވުމުގެ އެންމެ ބޮޑު ބޭނުމަކީ 2012 އިން 2018 އާއި ހަމައަށް، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައި ދިނުމެވެ.

އިންސާފު ޤާއިމްކުރުމަށް އެކުލަވާލާ މިޤާނޫނުގެ ދަށުން ނުހައްގު އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ޤާއިމްކުރުމަށް މައްސަލަތައް ހުށައަޅާ ޚާއްސަ އޮފީހެއް ޤާއިމްކުރަންޖެހޭކަމަށް މި ބިލުގައި ބުނެފައިއެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީސް އެކުލެވިގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 3 ބޭފުޅުންގެ މައްޗަށެވެ. އަނިޔާލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރުވެސް މި އޮފީހަށް ބިލްގައި ދީފައިވެއެވެ. ކުރިން ބަލައި ނިމިފައިވާ މައްސަލަތަކުގެ ތެރެއިން އިންސާފު ނުލިބިވާ މައްސަލައަކާއި ގުޅިގެން އައު ހެއްކެއް ފެނިއްޖެނަމަ އެމައްސަލައެއް އަލުން ބަލައި ތަޙުޤީގު ކުރުމުގެ ބާރުވެސް މި ޤާނޫނުގެ ދަށުން އޮމްބަޑްސްމަން އޮފީހަށް ލިބިގެންދާނެއެވެ.

މިބިލުގެ ދަށުން ބަދަލު ނަގައި ދިނުމުގެ ބާރުވެސް އޮމްބަޑްސްމަން އޮފީހަށް ލިބިގެންދެއެވެ. އެގޮތުން ލިބުނު އަނިޔާއެއްގެ ސަބަބުން މާލީ ބަދަލު ނަގައިދިނުމާއި، މާލީ ނޫންގަތަށް މީހާއަށް އާމާޒުކޮށް ދެވޭ އަނިޔާގެ ބަދަލު ނެގުމުގެ ބާރުވެސް މި އޮފީހަށް ލިބިފައިވއެވެ. މިބިލުގެ ދަށުން އޮމްބަޑްސްމަން އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދައުވާ އުފުލަންޖެހޭ ފަރާތްތަކާއި ދޭތެރޭ ދައުވާ އުފުލުމުގެ ބާރުވެސް ޤާނޫނުން އެ އޮފީހަށް ލިބިދޭނެއެވެ.

ރާއްޖޭގައި އަދުލުވެރިކަމާއި އިންސާފު ޤާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ޚާއްސަކޮށް ނިމިދިޔަ 5 އަހަރުގައި ނުހައްގުން އަނިޔާލިބި އިންސާފު ލިބިފައި ނުވާ ފަރާތްތަކަށް އިންސާފު ޤާއިމްކޮށްދެއްވާނެކަމަށް ރިޔާސީ އިންތިޙާބްގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.