އިނގިރޭސި ލީގު ކަޕުގައި މިރޭ ބްލެކްބާން ރޯވާސް މެޗާ ކުރިމަތިލާއިރު ލީގުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި މޮޅެއް ހޯދިފައިވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ނިއުކާސަލް ޔުނައިޓެޑުގެ ކޯޗު ސްޓީވް ބްރޫސް ބުނެފިއެވެ.
ބްރޫސް ބުނީ ލީގުގައި ރަށުން ބޭރުގައި ކުޅޭ މެޗުތައް އަބަދުވެސް އުނދޫގަކަމަށެވެ. ލީގުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ނިއުކާސަލް ވަނީ ވެސްޓްހަމް އަތުން 2-0 އިން މޮޅުވެފައެވެ.
ލީގު ކަޕުގައި ބްލެކްބާންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ބްރޫސް ބުނީ މިރޭގެ މެޗުގައި ވެސް ޓިމާ އަލަށް ގުޅުނު ކުޅުންތެރިން ތެރެއިން ބައެއް ކުޅުންތެރިން ފެންނާނެކަމަށެވެ. ފުރަތަމަ މެޗުގައި އަލަށް ގުޅުނު ކުޅުންތެރިންގެ ފަރާތުން ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ފެނިގެންދިޔަކަން ބްރޫސް ފާހަގަކުރިއެވެ.
އޭނާ ބުނީ ބައެއް ކުޅުންތެރިންނަށް އަދިވެސް މެޗުތަކަށް އެކަށީގެންވާ ފުރުސަތު ބޭނުންވާކަމަށާއި އަމާޒަކީ ބްލެކްބާން ބަލިކޮށް ތިންވަނަ ބުރުން ޖާގަ ހޯދުންކަމަށެވެ. ހުސްވި ސީޒަންގައި ޓީމާ ހަވާލުވި ކޯޗު ބުނީ މި ސީޒަންގައި ލީގު ކަޕާމެދު ނިއުކާސަލްއިން ވަރަށް ސީރިއަސްކޮށް ވިސްނާ ކަމަށާއި ސްކޮޑު ވަރުގަދަވުމުން އުންމީދުތަކެއްވެސް އާވާކަމަށެވެ.
މިމެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ތިންވަނަ ބުރުގައި ނުކުންނާނީ މޯކެންބް އާއި އޯލްޑްހަމް ޔުނައިޓެޑް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.