ސްޕެނިޝް ލާލީގާގެ ފުރަތަމަ މެޗާ ކުރިމަތިލާން ކެތްމަދުވެފައި ހުރިކަމަށް ވިޔަރެއާލްގެ ކޯޗު އުނައީ އެމްރީ ބުނެފިއެވެ.
ލަލީގާގައި މިރޭ ހުއެސްކާ ދެކޮޅަށް ނުކުތުމުގެ ކުރިން އެމްރީ ބުނީ ކުޅުންތެރިން ޕްރީ ސީޒިންގައި ކުރި މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށާ ޓީމު އޮތީ ލީގަށް ފުރިހަމައަށް ތައްޔާރުވެފަކަމަށެވެ. މި ސީޒަނުގައި ވިޔަރެއާލްއާ ހަވާލުވި ކޯޗު ބުނީ އޭނާ ބޭނުންވަނީ ވަކި ކުޅުންތެރިންގެ ގޮތުންނާއި ޓީމެއްގެ ގޮތުގައިވެސް އޭނާގެ ޓީމު މޮޅަށް ކުޅެންކަމަށެވެ. ހެއުސްކާއަކީ އަލަށް ޕްރޮމޯޓްވި ޓީމަކަށް ވުމުން މެޗު އެހާ ފަސޭހަ ނުވާނެކަމަށް އެމްރީ ބުންޏެވެ.
އޭނާ ބުނީ މެޗަށް ނުކުންނާނީ އިދިކޮޅު ޓީމަށް ފުރިހަމަ އިހްތިރާމް ދީގެންކަމަށާއި ވިޔަރެއާލުން މަސައްކަތް ކުރާނީ އެޓޭކިން ގޭމަކަށްކަމަށެވެ. ކުރިން ސެވިއްޔާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ކޯޗު ބުނީ ސީޒަންގައި އަދި ތިން މުބާރާތުގައި ޓީމު ދެމިއޮތުމުން އަމާޒު ކަނޑައަޅަން މާ އަވަސްކަމަށާއި ފުރަތަމަ އަމާޒަކީ، ފުރަތަމަ މެޗުން ތިން ޕޮއިންޓު ހޯދުންކަމަށެވެ.
ކުރިން ޕީއެސްޖީއަށް ކޯޗުކޮށްދިން އެމްރީ އެންމެ ފަހުން ހުރީ އިނގިރޭސި ކުލަބު އާސެނަލްގެ ކޯޗުގެ މަޤާމުގައެވެ.