އޭއެފްސީކަޕު މިއަހަރު ނުކުޅެން ނިންމުމަކީ ބަންގްލަދޭޝްގެ ބަޝަންދުރަ ކިންގްސްއަށް ލިބުނު ވަރަށް ބޮޑުގެއްލުމެއް ކަމަށް އެޓީމުގެ ކޯޗު އޮސްކާ ބުރުޒޮން ބުނެފިއެވެ.
އޮސްކާ ބުނީ މުބާރާތް ކުޅެވޭނެ ކަމުގެ އުންމީދުގައި ތިއްބާ ކުއްލިއަކަށް އެފަދަ ނިންމުމެއް ނިންމުމުން ހައިރާންވި ކަމަށެވެ. އޮސްކާ ބުނީ ބަންގްލަދޭޝްގެ ލީގު ކެންސަލު ކުރުމުން ހުރިހާ ފޯކަސެއް ބަހައްޓައިގެން ތައްޔާރުވަމުން ދިޔައީ އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ކަމަށެވެ. އެގޮތުން ޓީމު ވަރުގަދަ ކުރުމަށް ބަންގްލަދޭޝްގެ ކުޅުންތެރިން އިތުރުން ބިދޭސީ ކުޅުންތެރިންނާ އެކު މަސައްކަތް ފެށުނުކަމަށެވެ. ކުރިން ރާއްޖޭގެ ނިއުރޭޑިއަންޓަށް ވެސް ކޯޗުކޮށްދިން އޮސްކާ ބުނީ މިހާ ބޮޑަށް ތައްޔާރުވެފަ މުބާރާތް ކުއްލިއަކަށް ނޯނާކަން އެންގުމުން މުޅިކުލަބުވެސް އޮތީ ވަރަށް މާޔޫސްވެފަކަމަށެވެ.
އޭފްސީން މިއަހަރުގެ މުބާރާތް ކެންސަލްކުރަން ނިންމީ މުބާރާތް ބޭއްވުމުގައި ޓީމުތަކަށް ރައްކާތެރި މާހައުލެއް ނެތްކަމަށް ބުނެއެވެ. ކުރިން އޭއެފްސީން ވަނީ މުބާރާތުގެ ދެކުނު އޭޝިޔާ ޒޯންގެ މެޗުގައި އަންނަ މަހު މާލޭގައި ބޭއްވުމަށް ނިންމާ ޝެޑިއުލްވެސް އެކުލަވާލާފައެވެ. ސަރަހައްދީ ގައުމުތަކުގެ ހާލަތު ވައިރަސްގެ ސަބުބުން ނުރައްކަލެއްގެ ތެރޭގައި އަދިވެސް އޮތް އިރު ޓީމުތަކަށް ފަރިތަކުރެވޭނެ މާހައުލެއް ނެތުންވެސް އެއީ މުބާރާތް މިއަހަރު ނުބާވަން ނިންމި އެއް ސަބަބެވެ.
މުބާރާތުގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ވެސް ވަނީ ބައިވެރިވެފައެވެ. މާޒިޔާއިން ވަނީ ދިވެހި ކުޅުންތެރިން ހޯދާ މުބާރާތަށް ފަރިތަކުރަން ވެސް ފަށާފައެވެ. ބަންގަލަދޭޝްގެ ބަޝަންދުރަ ކިންގްސްއެކޭ އެއްފަދައިން ފިލިޕީންސްގެ ކާޔާ އެފްސީން ވެސް ވަނީ މުބާރާތް ކެންސަލަކުރުމަކީ ލިބުނު މާޔޫސްކަމެއް ކަމަށް ބުނެފައެވެ. މިއަހަރުގެ މުބާރަތުގައި ކޮންމެ ޓީމަކުންވެސް ވަނީ އެއްމެޗުކުޅެފައެވެ.