ޒަމާނުންސުރެ ދިވެހިގެ ސިޓިންގ ރޫމްތަކުގައި ރަސްކަން ކުރަމުން އައި އިންޑިއާ ޑްރާމާތަކާއި ފިލްމްތަކުގެ ނުފޫޒުން މިވަނީ ބޭރުވާން ފަށާފައެވެ. އިންޑިއާގެ ސީރީޒްތަކާއި ފިލްމްތަކަށް ދިން ޖާގަ އެނބުރެން ފަށާ ދިވެހިންގެ ލޯތައް މިވަނީ މި ސަރަހައްދުންވެސް މަޑުމަޑުން ބޭރަށް ޖެހިލާފައެވެ.
ގިނަ ދިވެހިންގެ މެދުގައި މިހާރު އެންމެ މަގްބޫލު ވަމުން އަންނަނީ ކޮރެއާ އަދި ތުރުކީ ޑްރާމާތަކާއި ފިލްމުތަކޭ ބުނުމުން ގޯހަކަށް ނުވާނެކަން ހަމަ ޔަގީންނެވެ. މިހެން މި ބުނާ ސަބަބު ބުނެދެން ހެއްޔެވެ. ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު ސްޓްރީމިން އެޕް ނެޓްފިލިކްސްގައި ހިމެނޭ ބައިތަކުގެ ތެރެއިން ރާއްޖޭގެ ގަދަ ދިހައެއް ބަލާލުމުން މި ވާހަކައަށް ފުދެއެވެ.
ދިވެހިންގެ ތެރޭގައި މިހާރު ވައިގައި ހިފާފައިވާ ތުރުކީ ފިލްމްތަކާއި ސީރީޒްތަކުގެ ތެރެއިންވެސް ގިނަ ބަޔަކަށް ކަމުދާ އެއް ސީރީޒަކީ ތުރުކީގެ ތާރީހީ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ "ރެސެރަކްޝަން އާރުތުގުރުލް" މި ސިރީޒްއެވެ. އާއްމު ސީރީޒްތަކަށްވުރެ ސީޒަން ދިގުނަމަވެސް މި ސީރީޒް ގިނަ ބަޔަކަށް ކަމުދާކަން އެގެނީ ދާދި ފަހަކާއި ޖެހެންދެންވެސް ނެޓްފިލްކްސްގެ މޯލްޑިވްސްގެ ޓޮޕް ޓެންގައި މި ސީރީޒް އޮތުމެވެ.
މި ސީރީޒްގައި ދައްކުވާދެނީ 13 ވަނަ ގަރުނުގެ ތެރޭގައި ތުރުކީގެ މުސްލިމުންގެ މެދުގައި އުފެދުނު އޮޓަމަން އެމްޕަޔަރު ފެށުމުގެ ކުރިން ހިނގައިދިޔަ ގިނަ ހާދިސާތަކެކެވެ. ތާރީހީ ހާދިސާތަކެއްގެ މައްޗަށް ސީރީޒް ބިނާކުރި ނަމަވެސް ޑައިލޮގްތަކާއި ސްކްރީން ޕްލޭ އަތުރާލާފައިވަނީ މާ ކުރީ ޒަމާނުގެ ވާހަކަތަކެއް ނަމަވެސް ފޫހިކަމެއް ނެތި ބަލާލަން އެދޭގޮތަށެވެ.
2014 ވަނަ އަހަރު ނުކުތް މި ސިރީޒް ރާއްޖެއާއި މި ސަރަހައްދުގެ ބައެއް ޤައުމުތަކުގައި ވައިގައި އެންމެ ބޮޑަށް ހިފީ މި ލޮކްޑައުންގެ ތެރޭގައެވެ. އެއާއި އެކު މިސީރީޒްގެ މުހިއްމު ރޯލްތަކުން ފެނިގެންދާ ތަރިންނަކީވެސް މިހާރު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ތަރިންނެވެ. މި ސިރީޒްގެ މުހިއްމު ތަރިން މިތިބީއެވެ.
މީ މިސިރީޒްގެ ލީޑް އެކްޓަރުއެވެ. އެންގިން އަލްތާން ކުޅެނީ ތުރުކީގެ ގިނަ ބަޔަކު މިއަދުވެސް އިހްތިރާމްކުރަމުން އަންނަ ސުލައިމާން ޝާހްގެ ތިންވަނަ ދަރިފުޅު އާރްތުގުރުލްގެ ރޯލެވެ. އޮޓަމަން އެމްޕަޔަރުގެ ފެށުމަކީ އާރްތުގުރުލްއެވެ.
މުޅި ސިރީޒްވެސް އެމީހެއްގެ މައްޗަށް ބިނާވެފައިވާ އާރްތުގުރުލްގެ ރޯލަށް ގިނަ ބަޔެއްގެ ޝައުގުވަނީ ހުއްޓިފައެވެ. ހާއްސަކޮށް މި ރޯލުން ފެންނަ އެންގިން އަލްތާންއަށެވެ. އެންގިން އަލްތާން އުފަންވެފައިވަނީ 1979 ވަނަ އަހަރުގެ ޖުލައި 26 ވަނަދުވަހުއެވެ. އޭނާގެ އާއިލާއަކީ ތުރުކީއަށް ހިޖުރަކުރި ޔޫގޮސްލޭވިއާ މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ.
އެންގިން އަލްތާން އަކީ ތުރުކީ ފިލްމީ ދާއިރާގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ މޮޅު ފަންނާނެކެވެ. އޭނާވަނީ ތުރުކީގެ ގިނަ ފިލްމްތަކާއި ސީރީޒްތަކުގައި ލީޑްރޯލްތައް އަދާކޮށްފައެވެ. ތުރުކީގެ އިތުރުން ބައެއް އެހެން ހިސާބުތަކުގައިވެސް މަޝްހޫރުކަން ހޯދި ތުރުކީގެ ފިލްމެއްކަމަށްވާ "ބިރް އަވުޗް ޑިނީޒް" އިން އެންގިން އަލްތާން ވަނީ ލޮސް އެންޖަލްސް މޫވީ އެވޯޑްސް އިން ބެސްޓް އެކްޓަރގެ ޓްރޮފީ ހާސިލުކޮށްފައެވެ.
އެންގިން އަލްތާން ކައިވެނިކޮށްގެން އުޅެނީ ތުރުކީގެ ކުރީގެ ފިލްމީ ތަރިއެއްގެ ދަރިފުޅު ނެސްލިޝާހާއެވެ. މި ކައިވެންޏަށްފަހު ނެސްލިޝާހްވެސް ވަނީ ގިނަ ބައެއްގެ މެދުގައި މަޝްހޫރުކަން ހޯދާފައެވެ. މިގޮތުން މި ކައިވެންޏަށްފަހު ނެސްލިޝާހްގެ އިންސްޓަރ ގްރާމް ފްލޯވަރސްގެ އަދަދުވަނީ ހަތަރު ލައްކައަށް ވުރެ މައްޗަށް އަރާފައެވެ.
އާރްތުގުރުލް ބޭ އަށް ސިރީޒްގައި 3 ކުދިން ލިބުނަސް އަސްލު ދިރިއުޅުމުގައި ލިބިފައިވަނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ.
މި ސީރީޒް ބަލާ މީހުންނަށް ޔޮގްހާން މި ނަން އާވެދާނެއެވެ. އެހެންނަމަވެސް ސުލައިމާން ޝާހް އޭ ބުނުމުން ސީރީޒްގެ ފޭނުންނަށް އެގޭނެއެވެ. މުޅި ސީރީޒްގައި ކާއީ އަވަށުގެ ވެރިޔާގެ މަޤާމުން ފެންނަ ޔޮގްހާން އަކީ މިސިރީޒްގެ އެންމެ މުހިއްމު 4 ސްޓާރުންކަމަށްވާ އާރްތުގުރުލް، ގުންޑޯޑް، ސުންގަޓެކިން އަދި ދުންދާރުގެ ބައްޕައެވެ.
ޔޮގްހާން އަކީވެސް ތުރުކީގައި ވަރަށް މަޝްހޫރު ފިލްމީ ތަރިއެކެވެ. މިހާރު އުމުރުން 74 އަހަރުގެ ޔޮގްހާން އަކީ 70 ގެ އަހަރުތަކުން ފެށިގެން ފިލްމީ ދުނިޔޭގައި މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ. އަދިވެސް ގިނަ ފިލްމުތަކުން އޭނާ އަންނަނީ ލީޑް ކާސްޓުންގެ ތެރެއިން ޖާގަ ހޯދަމުންނެވެ.
ދެން މި އޮތީ އާރްތުގުރުގެ މަންމަ ހައިމާ ހާތޫން އެވެ. މި ރޯލުން ފެނިގެންދާ ހައިމާ ހާތޫންގެ އަސްލު ނަމަކީ ހުލްޔާ ދާޗާންއެވެ.
ހުލްޔާއަކީވެސް 70ގެ ކުރީކޮޅުން ފެށިގެން ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ. އެތައް ފިލްމަކާއި ސީރީޒްއެއްގައި މޮޅު އެކްޓިންތަކެއް ދައްކުވާދީފައިވާ ހުލްޔާގެ އެންމެ މުހިއްމު މަސައްކަތުގެ ލިސްޓުގައި އޮތީވެސް އާރްތުގުރުލް މި ސީރީޒްއެވެ.
މި ސިރީޒް ބަލާ މީހުންނަށް ހައިމާ ހާތޫން ނުވަތަ ހުލްޔާ ހާތޫން އެންމެ ބޮޑަށް ފާހަގަވާނީ އެފަހަރަކު ދިމާވާކަމަކަށް އެނާގެ މޫނަށް އެ ގެންނަމުން ދާ އެކި އެކްސްޕެރެޝަންތަކުން ކަން ޔަގީންނެވެ.
މީ މި ސީރީޒް ބަލާ މީހުންނަށް ނުބައިބާ މީހާއޭވެސް ހީވެދާނެއެވެ. ސަބަބަކީ ސީރީޒްގައި އަންނަ ކޮންމެ ނުތަވަނަސްކަމެއްގައި ނުބައި މީހުންނާއި އެއްކޮޅަށް އަބަދުވެސް ހުންނާނީ މީނާއެވެ. އެހެންނަމަވެސް މީ ނުބައި ބައި މީހާއެއް ނޫނެވެ.
މީ ސީރީޒްގައި ސްލައިމާން ޝާހުގެ ދެވަނަ ދަރި އަދި އާރްތުގުރުލްގެ ބޭބެ ގުންޑޯޑްބޭ އެވެ. މި ތަރީގެ އަސްލު ނަމަކީ ކާން ތާޝްނަރއެވެ. ތުރުކީގެ ގިނަ ފިލްމުތަކެއްގައި ލީޑްރޯލް އަދާކޮށްފައިވާ ކާންގެ އެކްޓިން ކެރިއަރ ފަށާފައިވަނީ 1998 ވަނަ އަހަރުއެވެ.
މި ސީރީޒުން ފެންނަ އެންމެ ކަމުދާ ކެރެޓަރއަކީ މިއީއެވެ. އާރްތުގުރުލް އަށް ވަފާތެރި އެކުވެރި ހަނގުރާމަވެރިއެއްގެ ރޯލް ދީފައިވާ މި ތަރިއަކީ މި ސްރީޒްގެ ކޮމެޑީ ކެރެކްޓަރ އެވެ. މާ ބޮޑު ކޮމެޑީ ބައެއް ނުހިމެނޭ ސީރީޒްގައި ބާމްސީގެ ރޯލްގައި އޭނާ ދައްކާ މޮޔަ ހެއްވާ މަޖާ ވާހަކަތަކާއި ކެއުމަށް ހުންނަ ޝައުގިވެރިކަމާ ހަނގުރާމަ ކުރަން ހުންނަ ފޯރިއަކީ ބާމްސީގެ ރޯލުގެ އެންމެ ކަމުދާ ބައެވެ.
ސީރީޒްގައި އެންމެ ފަސޭހަ ނަމެއް ކިޔާ ބާމްސީގެ އަސްލު ނަން ތުރުކީ މީހުން ކިޔާ ގޮތަށް ކިޔަން އެހާ ފަސޭހަ ނުވެދާނެއެވެ. ބާމްސީގެ އަސްލު ކިޔަނީ ނޫރެއްޓިން ސޮންމޭޒްއެވެ. ސިރީޒްގައިވެސް ހަޔާތުގެ ބައިވެރި ނެތް އުމރުން 42 އަހަރުގެ ބާމްސީ އަސްލު ދިރިއުޅުމުގައިވެސް އަދިވެސް ހުރީ ހުސްކޮށެވެ.
މިސީރީޒްގެ އަންހެން ލީޑް ރޯލަކީ މިއީއެވެ. ހަލީމާ ސުލްތާންގެ ރޯލުން ފެނިގެންދާ އެސްރާ ބިލިޗް އަކީ ތުރުކީގެ އަންހެން އެކްޓަރެސެއްގެ އިތުރުން އެ ޤައުމުގެ މަޝްހޫރު މޮޑެލުންގެ ލިސްޓުގެ އެންމެ ކުރީގައިވެސް ހިމެނޭ ފަންނާނެކެވެ. ސީރީޒްގައި މަޑުމައިތިރި ވަފާތެރި އަންބެއްގެ ރޯލުން ފެނިގެންދާ ހަލީމާ ފިލްމީ ދާއިރާއަށް ނުކުތީ 2014 ވަނައަހަރުއެވެ. ތުރުކީ ފިލްމް އިންޑަސްޓްރީގައި ދޭ އެންމެ މަގްބޫލް އެވޯޑްގެ ބެސްޓް އެކްޓްރެސް އެވޯޑް މިހާތަނަށް 5 ފަހަރަށް އެސްރާ ވަނީ އުފުލާލާފައެވެ.
ތުރުކީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްކަމަށްވާ ޔޮހާން ތޮރޭ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މި ދެތަރިން ކައިވެނީ ކުރީ 2017 ވަނަ އަހަރުއެވެ. ޔޮހާން، އެސްރާއާއި ކައިވެނިކޮށްފައިވަނީ އޭނާ ޒަމާންތަކެއް ވަންދެން ގުޅިގެން އުޅުނު ބްރެޒިލްގެ މޮޑެލް ސޯފިއާ އެލެކްސީއާއި ކައިވެނިކުރަން އެންޖޭގްމަންޓް އިއުލާންކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
އެއަށްފަހު އެސްރާއާއި ޔޮހާން ކުރި ކައިވެނިވެސް ދެމި އޮތީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. މި ދެތަރިންގެ ގުޅުމާއި ކައިވެންޏަކީ ތުރުކީގައި މަޝްހޫރު ވާހަކައެކެވެ. މި ކައިވެނީގެ ހަފްލާގައި ތުރުކީގެ ރައީސް އުރްދުގާންގެ ދެމަފިރިކަނބަލުންވެސް ބައިވެރިވެޑައިގަތެވެ.
މި ސީރީޒް ބަލާ އަންހެން ކުދިން އެންމެ ހިތްކިޔާ ތަރިއަކީ މި އީއެވެ. އެހެންނުވާން ވީ ސަބަބެއްވެސް ނެތެވެ. އެންމެ ރީތި ފިރިހެން މޫނުތަކުގެ ލިސްޓުގައިވެސް ތުރުގަތު ނަން ވަނީ ހިމެނިފައެވެ. އަދި އެންމެ ރީތި ފިރިހެނުންގެ ގޮތުގައި ޔޫކޭއިން އެކުލަވާލި ލިސްޓެއްގެ ހަތަރު ވަނާގައިވެސް އޮތީ ތުރުގުތްގެ ނަމަމެވެ.
ސީރީޒް ލީޑް އާރްތުގުރުލްގެ އެންމެ ގާތް އަދި އެންމެ ވަފާތެރި އެއް ހަނގުރާމަވެރިއެއްގެ ގޮތުގައި ފެނިގެންދާ ތުރުގުތްގެ އަސްލުނަމަކީ ޖެންގިޒް ޗޯޝްކުންއެވެ. މީވެސް ތުރުކީގެ މަޝްހޫރު މޮޑެލެކެވެ. ބާސްކެޓް ކުޅުންތެރިއެއްގެ ގޮތުގައި ކެރިއަރ ފެށި ތުރުގުތް ފިލްމީ ދާއިރާއަށްް ނުކުތީ މޮޑެލިން ކެރިއަރގައި ލިބުނު ކާމިޔާބީއާއި އެކު 2002 ވަނަ އަހަރުއެވެ.
މި ސީރީޒުން ތުރުކީގައި ދޭ ޔޫތް އެވޯޑްގެ 2017 ވަނަ އަހަރު ބެސްޓް ސަޕޯޓިން އެކްޓަރުގެ މަގާމު ތުރުގުތް ހޯދާފައިވެއެވެ. އަދި ޖެހިގެން އައި ދެ އަހަރުވެސް އެ މަޤާމަށް މި ސީރީޒްގެ ރޯލުން އޭނާ ވަނީ ވާދަކޮށްފައެވެ.
މި ސީރީޒްގައި އެންމެ މައިތިރިނުވާ ކެރެކްޓަރ އަކީ މީކަން ޔަގީންނެވެ. ޑީޑެން ބާލްޗިން ނުވަތަ ސީރީޒްގެ ނަމުން ސައިޖާން ހާތޫންއަކީ މި ސީރީޒްގެ ކޮންމެ ސީޒަންއެއްގައިވެސް ކަންކަން ހޯދުމާއި ފަޅާ އަރުވާލުމުގައި އެންމެ ކުޅަދާނެ ރޯލެވެ. ނުބައިކަން ދައްކާލިޔަސް އެވަރެވެ. ވަފާތެރިކަމާއި ހެޔޮކަން ދައްކާލިޔަސް އެހާމެ ވަފާތެރިވެފަ ހެޔޮވާނެއެވެ.
ސައިޖާން ކައިވެނީގެ ގޮތުން ގުޅިގެން އުޅެނީވެސް ތުރޫކީގެ ފިލްމީ ތަރިއަކާއެވެ. މި ދެތަރިން ކައިވެނިކޮށްފައިވަނީ ދާދި ފަހުން ކޯވިޑްގެ ލޮކްޑައުންގެ ތެރޭގައެވެ.
މި ސީރީޒްގެ ތަރިންގެ ތެރެއިން މުސްލިމް ޤައުމުތަކުގައި އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް ތަރިއަކީ މިއީއެވެ. ސީރީޒްގައި މުސްލިމުންގެ ދިރިއުޅުން ދައްކުވާދިނުމަށްފަހު ބައެއް އެހެން ޕްލެޓް ފޯމްތަކަށް ދުކޮށްލާ ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުންނެވެ.
ގޮއްޗޭގެ ނަން ދީފައިވާ މި ކެރެކްޓަރ އަކީވެސް މި ސީރީޒްގައި މުހިއްމު ރޯލެއް އަދާކުރާ ފަންނާނެކެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ގޮއްޗޭވަނީ ސިރީޒް ގެއްލުވާލާފައެވެ.
ތުރުގުތްގެ އަންބެއްގެ ރޯލުން ފެނިގެންދާ އައިކިޒްގެ އަސްލު ނަމަކީ ހާންދޭ ޝުބާޝީ އެވެ. 2006 ވަނަ އަހަރު ފިލްމީ ދައިރާއަށް ނުކުތް ހާންދޭ ވަނީ 2005 ވަނަ އަހަރުގެ މިސް ތުރުކީގެ ތާޖު ހާސިލުކޮށްފައެވެ.
ޖާވިތް ޖެތިން ގުނަރ ސީރީޒްގެ ނަމުން ނަމަ ދޮއާން އަލްޕްގެ ފިލްމީ ކެރިއަރ ފަށާފައިވަނީ 2000 ގެ ކުރީކޮޅެވެ. މި ސީރީޒްގެ މުހިއްމު ރޯލްތަކުން ފެންނަ ތަރިންގެ ތެރެއިން އެންމެ އުމުރުގެ ގޮތުން ޅަ އެއް ތަރިއަކީވެސް ދޮއާން އެވެ.
މިހާތަނަށް ދެ ކައިވެންޏެއް ކޮށްފައިވާ ދޮއާން މިހާރު ކައިވެނީގެ ގޮތުން ގުޅިގެން އުޅެނީ ތުރުކީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ހަތީޖޭ ޖެންގިޒްއާއެވެ.
މީ ސީރީޒްގެ މުހިއްމު ބައެއް ތަރިންނެވެ. ބޮޑު ކާސްޓެއް އޮންނަ މި ސީރީޒް މީ ބަލާލަން ހަމަ ސަޅި ސީރީޒްއެކެވެ. ދިވެހިންނަށް އެންމެ ފަރިތަވާނީ ހިންދީ ބަހާއި އުރުދޫ ބަހެވެ. މިހާރު މި ސިރީޒްގެ އުރުދޫ އަޑު އަޅާފައިވާ ވާޝަންވެސް އެބައޮތެވެ. އާއެކެވެ. އިނގިރޭސިން ސަބްޓައިޓަލް އަރާ ތުރުކީ އަސްލު ވާޝަންވެސް އެބައިނެވެ.
މަ
މީ ވަރަށް ސަޅި ސީރީޒް އެއް އިސްލާމީ ތާރީހަށް ލޯބި ކުރާ މީހަކަށް.