ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޖަރުމަނާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
އެންރީކޭ ވަނީ ރޭގެ މެޗަށްފަހު ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދެއްކި މޮޅު ކުޅުމަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. ޑެހެއާ ވަނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދައްކާ ޖަރުމަނުން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އެންރިކޭ ބުނީ މިވަގުތައް ބަލާއިރު ޑެހެއާ ކަހަލަ މޮޅު ކީޕަރެއް ޓީމުގައި ހުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ބުނީ ޓެކްނިކަލީ ގޮތުން ބަލާއިރު ޓީމު މޮޅުކުޅުމެއް ދެއްކި ކަމަށެވެ. އެންރީކޭ ބުނީ ސްޕެއިން ޓީމުގެ ކުޅުންތެރިން ގިނައިރު ބޯޅަ ހިފަހައްޓައި ޖަރުމަނުގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރިކަމަށެވެ.
ކޯޗު ބުނީ މި މެޗުގައި ޒުވާން ކުޅުންތެރިން ދެއްކި މޮޅު ކުޅުން މެޗު ބެލި ކޮންމެ މީހަކަށް ފެންނާނެކަމަށާއި އެ ކުޅުންތެރިން ފުރަތަމަ މަރުހަލާ ވަރަށް ކާމިޔާބުކަމަށެވެ. އަދި މި ކުޅުންތެރިން އިތުރަށް ފުރުސަތު ލިބިގެން ދިޔަވަރަކަށް އިތުރު ކުރިއެރުން ހޯދާނެކަމަވެސް ކުރިން ޒުވާން ގައުމީ ޓީމުގެ ވެސް މަސައްކަތް ކޮށްފައިވާ ކޯޗު ބުންޏެވެ.
ސްޕެއިން ކޯޗު އެންރީކޭ ބުނީ ނަތިޖާއާމެދު ހިތްހަމަޖެހޭ ކަމަށާއި މިއީ އިންސާފުވެރި ނަތީޖާއެއް ކަމަށް ގަބޫލްކުރާކަމަށެވެ. ނޭޝަންސް ލީގުގައި އަންނަ އާދިއްތަ ދުވަހު އަމިއްލަ ގައުމުގައި ސްޕެއިން ދެން ނުކުންނާނީ ޔޫކްރެއިންނާ ދެކޮޅަށެވެ.