ކުޅިވަރު

އޭއެފްސީ ކަޕް ކެންސަލްކުރުން ވަރަށް ގާތް: ބައްސާމް


ކޯވިޑް-19ގެ ސަބަބުން އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ބައެއް މެޗުތައް ކުރިޔަށްނުގެންދެވި ކެންސަލްކުރަން ޖެހިދާނެކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އޭޝިޔާގެ ގައުމުތަކުގައި މެދުގައި ކޯވިޑް-19ގެ ހާލަތު ގޯސްވެ މިހާރު ރޭވިފައިވާގޮތަށް މުބާރާތް ބޭއްވުމުގެ ބިރުހީވެފައިވާތީ އޭފްސީ ކަޕް ފުޓްބޯޅަ މުބާރާތް ކެންސަލް ކުރަން ޖެހިދާނެކަމުގެ އިޝާރާތެއް އޭއެފްސީން ވަނީ މީގެ ކުރިން ދީފައެވެ.

އޭއެފްސީ ބުނީ ގައުމުތަކުގެ ހާލަތު އެ ޖަމިއްޔާއިން ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ. އަދި އެކި ޤައުމުތަކުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ކްލަބްތަކަށް އެންމެ ރައްކާތެރިކަމާއެކު ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށް ރައްކާތެރި މާހައުލެއް އޮތްކަމަށް ޤަބޫލްނުކުރެވޭކަމަށްވެސް އޭއެފްސީން ބުންޏެވެ.

އޭފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރާއްޖެ އާއި ދުނިޔޭގެ ހާލަތު މިހާރު އޮތް ގޮތުން އޭއެފްސީ ކަޕް ކެންސަލްކުރަން ނިންމާނެކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށެވެ. އަދި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ހިމެނޭ ގްރޫޕް ފިޔަވައި ދެން އޮތް ގްރޫޕްތަކުގެ މެޗުތައް ހޯސްޓްކުރާނެ ޤައުމެއް އަދިވެސް ހަމަޖެހިފައި ނުވާކަމަށް ބައްސާމް ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ އޭއެފްސީގެ ފަރާތުން ގޮތެއް ނިންމުމަށް އަންނަ މަހުގެ ތެރޭގައި ކޮމްޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

ގައުމުތަކުގެ ހާލަތު ހުރިގޮތުން ގިނަ ޓީމުތަކުގެ ތަމްރީންތައް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ހުއްޓިފައެވެ. މުބާރާތުގައި ގުރޫޕް އީގައި ރާއްޖޭގައި ކުޅޭ މެޗުތަކަށް އިންޑިޔާ ޗެންނާއި އެފްސީއަށް ވެސް ތައްޔާރުވުންތަކަށް ކޯވިޑް-19 ސަބަބުން ހުރަސްތައް އެބަހުރިކަމަށް އެ ކުލަބުން ވެސް ވަނީ ހާމަކޮށްފައެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކްލަބްތަކަށް ފަރިތަކުރުންތައް ކުރިޔަށްގެންދިޔުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ދީފައެވެ. އެގޮތުން މާޒިޔާ އިން ފަރިތަކުރުންތައް ފަށާފައިވާއިރު، ޓީސީ ސްޕޯޓްސް ކްލަބުން ފަރިތަކުރުންތައް ފަށަން ނިންމާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުކަމަށް މަޢުލޫމަތު ލިބެއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީގެ މެޗުތައް ބޭއްވުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކޮށްފައިވާއިރު، މިހާރު އޮތް ތާވަލުގެ ދަށުން އަންނަ އޮކްޓޯބަރު މަހުގެ 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް މާލޭގައި ކުރިއަށްދާނެއެވެ.