ޚަބަރު

މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު


  • އިގުތިޞާދީ ދާއިރާއިން މެލޭޝިއާއިން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި

  • މެލޭޝިއާއިން ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވި

ރާއްޖެއާ މެލޭޝިއާގެ ގުޅުމަށް 58 އަހަރު ފުރިގެންދާއިރު، މި ބަދަހި ގުޅުމުގެ އެންމެ މުހިންމު އެއް ބައިވެރިޔަކީ ދެޤައުމުގެ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ޝަރަފުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން 1968 ގައި ޤާއިމުކުރި ނަމަވެސް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމަކީ ލިޔެކިޔުންތަކުގެ ތާރީޚުތަކަށްވުރެ މާ ފުން، ޖީލުތަކަކަށް ދެމިގެން ގޮސްފައިވާ ޚާއްޞަ ގުޅުމެއް ކަމަށެވެ. އަދި މި ގުޅުމަށް 58 އަހަރު ފުރިގެންދާއިރު، މި ބަދަހި ގުޅުމުގެ އެންމެ މުހިންމު އެއް ބައިވެރިޔަކީ ދެގައުމުގެ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާއިން މެލޭޝިއާއިން ފާއިތުވި އަހަރުތަކުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަމިއްލަ ވަންތަކަން ހިފަހައްޓަމުން ޒަމާނީ ތަރައްޤީ ހޯދިދާނެ ގޮތާއި، މީހުން ބިނާކުރުމަށް އިންވެސްޓްކޮށްގެން އިގުތިޞާދު ފުޅާކުރެވޭނެ ގޮތް މެލޭޝިއާގެ މި ދަތުރުުން ވަރަށް ބޮޑަށް ހާމަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މެލޭޝިއާ ގޮތަށް ރާއްޖެއިންވެސް ތަޢުލީމާއި، ހުނަރު، ޑިޖިޓަލައިޒޭޝަން، ޓެކްނޮލޮޖީ އަދި އިގުތިޞާދީ ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް މިވަގުތުވެސް ކުރަމުންދޭ. މި ކަންކަމުގައި ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރެވިދާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މެލޭޝިއާއިން ރާއްޖެއަށް އެކި ދާއިރާތަކުން ދެމުންދާ އެހީތެރިކަމަށް އިޝާރާތްކުރައްވާފައެވެ. ރާއްޖެއަށް މާލީ އަދި ތަޢުލީމީ ދާއިރާއިން ވެދެއްވާ އެހީތެރިކަމަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ތިބި އާއިލާތަކަށް ވިސާގެ ލުއިފަސޭހަތައް ހަމަޖައްސައިދެއްވުމަށް އިސްކަންދެއްވާތީ މެލޭޝިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ.

ޕެޓްރޯނާސްއިން ދިރާސާކުރުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މެލޭޝިއާއިން އެއްބާރުލުން ދެއްވާތީ އެކަމަށް މަރުޙަބާ ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި ކަނޑުތައް ހިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި މެލޭޝިއާއެކު ގާތުން މަސައްކަތްކުރަން ބޭނުންވާކަންވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ރާއްޖެއަށް ކަރަންސީ ސްވަޕް ފެސިލިޓީއެއް ދިނުމާމެދު ވިސްނަވާނެ ކަމަށް ނިންމެވި ނިންމެވުމަށާއި، ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަކާ ގުޅޭ މަޝްވަރާތައް ފެށުމަށް އެއްބަސްވެވަޑައިގެންނެވި ކަމަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާގެ ބޮޑުވަޒީރަށާއި އެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.