އިދިކޮޅު ޕީޕީއެމުން މިއަދު ކުރިއަށްގެންދިޔަ ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް ހަރަކާތްތެރިވެފައިވާތީ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދުވަނީ "ގައުމު ވިއްކާލުމާ ދެކޮޅަށް" ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާލުމާއި ސައިކަލްބުރުތައް ބާއްވާފައެވެ.
މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަލަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މާނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
ފުލުހުން ވިދާޅުވީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފުވެ ގައިދުރުކަން ބެހެއްޓުމާއި ބައެއް މީހުން މާސްކު ނާޅައި އުޅެފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބާއްވާނަމަ އެ އެއްވުން ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނިކަމަށް ހޯމް މިނިސްޓްރީން ވަނީ ޖުލައި މަހުގެ ތެރޭގައި އަންގާފައެވެ.
ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ނޫނީ ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅައި އެކަން ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް ހޯމް މިނިސްޓްރީންވަނީ އަންގާފައެވެ.