ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް މާފުށީ ޖަލާ ދިމާއިން މޫދުގައި ފަތާ ޓްރެކެއް ހަދުމުގެ މަސައްކަތް ފަށާފަފައިވާކަމަށާ، އެއީ ސްޓްރެސްފްރީ މާހައުލެއްގައި ރައީސް ޔާމީން ބަހައްޓަން ޑޮކްޓަރުން ލަފާދެއްވާފައިވާތީ ކުރައްވާކަމެއްކަމަށް މޯލްޑިވްް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
މިކަމާއިގުޅޭގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ވިދާޅުވީ ހޯމް މިނިސްޓަރާއި ޖަލުގެ އިސްވެރިން މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތުގައި ފެތުމުގެ ކަންކަން ހަމަޖައްސަވައިދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާތީ މިނިސްޓަރުގެ އިސްނެންގެވުމާއެކު އެކަން ކުރެވިދާނެގޮތެއް ބަލައި ދިރާސާ ކުރެވުނުކަމަށެވެ.
އެހެން ނަމަވެސް އެދުވަސްވަރަކީ މާފުށީގައި ބިންހިކުމުގެ މަސައްކަތް ކުރެވެމުންދިޔަ ދުވަސްވަރަކަށްވުމާއި އެސަރަހައްދުގެ އޮއިބާރުވުމުގެ އިތުރުން ކުނި ކޮށި ސަރަހައްދަށްވުމުން އެތަނަށް މޫދަށް އެރޭއިރު ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭކަމަށް ޤަބޫލުކުރެވޭތީ ފާތާ ޓްރެކެއް ހަދަން ނިންމީކަމަށެވެ.
ކޯވިޑް-19އާ ގުޅިގެ ފުރަބަންދު ކުރުމާއެކު އެކަން ހުއްޓުމަކަށް އައިކަމަށާ މިހާލަތުން އަރައިގަނެވުމުން އެއިންތިޒާމުވެސް ހަމަޖެހިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަން ކުުރުމައްޓަކައި މާފުށީ ޖަލުގެ އެސަރަހައްދުގައި ސިޑިއެއް ހަދައި އެސަރަހައްދަށް ފަސޭހައިން ފޭބޭނެގޮތެއްހަދައި އެމަސައްކަތްވެސް ކުރެވުނު. އެހެން ނަމަވެސް އެސަރަހައްދުގެ އޮއިވަރުގަދަވުމުން މޫދަށް ބާލާއިރު ޚާއްސަ ޓްރެކެއް ބެހެއްޓިގެން ނޫނީ އެކަން ނުކުރެވޭނެކަމަށް ފާހަގަކުރެވޭތީ އެކަންކުރުމުގެތެރޭގައި އުޅެނިކޮށް ލޮކްޑައުންއަކަށް ދާންޖެހުނީ." ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދު ވިދާޅުވިއެެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ މާފުށީ ޖަލުގެ އެސްޕީޔޫގައި ދައުލަތުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ޙުކުމް ތަންފީޒުކުރައްވަމުންދާއިރު އަމަލުކުރާ އުސޫލުތަކާއި ދޭނެ އިނާޔަތްތަކާ އެއްގޮތަށް ކަރެކްޝަނަކް ސަރވިސްއިން ޢަމަލުކުރަމުންދާކަމަށެވެ. އަދި ސިއްޙީ ކަންކަމުގައި ޚާއްސަ އުސޫލުތަކެއް ގެންގުޅޭއިރު ރައީސް ޔާމީން ވީހާވެސް ސްޓްރެސް ފްރީ މާހައުލެއްގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވާފައިވާތީ އެކަމަށް ރިޢާޔަތްކޮށް އެއިންތިޒާމު ހަމަޖައްސަމުންދާކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.