އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށްގެންދާ ތަޙުޤީގުތަކާ ގުޅުންހުރި މަޢުލޫމާތު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހާ ޙިއްސާ ނުކުރާކަމަށްބުނެ ދެނެވެނީ ޙަޤީގަތާ ޚިލާފު ވާހަކަތަކެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ ހަފްތާއަކު އެއްފަހު ޕީޖީ އޮފީހުން އެސީސީއާކު ތަފާތު އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރާކަމަށެވެ. އެގޮތުން އެކި މައްސަލަތަކުގެ ތަޙުޤީގު އަވަސްކޮށް ވަކި ޓާގެޓްތަކަކަށް ވާސިލުވުމަށް މަސައްކަތް ކުރަމުންގެންދާކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޕީޖީ އޮފީހާ މަޝްވަރާކޮށްގެން ޓާގެޓްތަކެއް މިކަނޑައަޅަނީ ހަފްތާއަކު 5 ކޭސް ފޮނުވާނަމޭ، މިއަހަރު ނިމެންވާއިރަށް 35 ކޭސް ދަޢުވާކުރަން އަޅުގަނޑުމެން ފޮނުވާނަމޭ. އެހެންވީމަ އަޅުގަނޑު ޕީޖީއާ ހިއްސާނުކުރާނެ މައުލޫމާތުތަކެއް ނުހުންނާނެ. އަޅުގަނޑުމެން ހަމަ، ވަރަށް ގުޅިގެން މަސައްކަތް މިކުރަނީ" ޝިއުނާ ވިދާޅުވިއެވެ.
އޭސީސީން ތަހްޤީގުކުރާ ހުރިހާ މައްސަލައެއްގެ ތަފްސީލް، ޕްރޮސެކިއުޓާ ޖެނެރަލާ ޙިއްސާ ކުރަން ދަތިކަމަށާއި ނަމަވެސް ތަހުޤީގު ކުރާ މައްސަލަތަކުގެ ލިސްޓެއް ޕީޖީއާ ޙިއްސާ ކުރަން ނިންމާފައިވާ ކަމަށް ޝިއުނާ މިއަދު ވިދާޅުވިއެވެ.
ޕީޖީ އޮފީހުން އެދުނު ބައެއް މައުލޫމާތު ހިއްސާ ނުކުރީ ކީއްވެގެންތޯ ކޮމިޓީގައި ސުވާލުކުރުމުން ޝިއުނާ ވިދާޅުވީ ޕީޖީން އެދުނީ އެކޮމިޝަނުން ބަލަމުންދާ ހުރިހާ މައްސަލަތަކުގެ ލިސްޓެއް ފޮނުވަންކަމަށާއި ފުރަތަމަފަހަރަށް އެހުރިހާ މައުލޫމާތެއް އެއްފަހަރާ ފޮނުވަން އެދުނުނަމަވެސް އެކަން ކުރެވޭނީ އޭސީސީގެ ތެރެއިން އިތުރު މަޝްވަރާތަކެއް ކުރުމަށްފަހުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުރިހާ މައްސަލަތަކެއްގެ ބަދަލުގައި ދައުވާ ކުރެވޭނެކަމަށް ބެލެވޭ ހުރިހާ މައްސަލަތަކެއްގެ ތަފްސީލާއި، އޭސީސީއަށް ހުށަހަޅާފައިވާ ކޭސްތަކުގެ ލިސްޓް ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.