ޚަބަރު

ދައުރު ނިންމުމުމަށްފަހު މިމަހުގެ 27 ގައި މަޖިލިސް ޗުއްޓީއަށް


ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންމިދާ ދައުރު ނިންމައި މިމަހުގެ 27 ގައި މަޖިލިސް ޗުއްޓީއަށްދާން ނިންމައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިދައުރު ނިންމާ މަޖިލިސް ރިސެޝަނަށްދާނީ މިމަހުގެ 27ގައިކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް މިހިސާބަށް ދިޔައިރު ތަޅުމުގައި ހުރި މަސައްކަތްތައް މަދުކަށާއި ތަޅުމުން މަސައްކަތްތައް ހުސްވެސްވާކަމަށެވެ. މިވަގުތު ގިނަ މަސައްކަތްތަކެއް ކޮމިޓީތަކުގައި ނުނިމިހުރިކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސްވަނީ ކޮމިޓީތަކުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް މުޤައްރިރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"އިރާދަކުރެއްވިއްޔާ ހެނދުނުގެ ގިނަ ވަގުތުތައް ކޮމިޓީތަކުގެ މަސައްކަތްތަކަށް ހުސްކުރުމަށް އަޅުގަނޑު މަސައްކަތްކުރާނަން. އަދި އަޅުގަނޑު އުންމީދުކުރަން ކޮމިޓީތަކުގެ މަސައްކަތް ރޭގަނޑުވެސް ކުރައްވައި މިދައުރު ނިމުމުގެ ކުރިން ކޮމިޓީގެ ގިނަ މަސައްކަތްތައް ނިންމަވައިދެއްވާނެކަމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޤާނޫނުގައިވާގޮތުން މަޖިލިސް 3 ދައުރަކަށް ބެހިގެންވެއެވެ، މިހާރު ހިނގަމުން މިދަނީ މިއަހަރުގެ 2 ވަނަ ދައުރެވެ.

ހިނގަމުންމިދާ ދައުރުގައި މަޖިލީހުން ނިންމަވާފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ އައު ކައުންސިލަރުންގެ އިންތިޚާބުކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި، އެލްޖީއޭގެ ބޯޑު ބަދަލުކުރަން ނިންމާ ކައުންސިލް އިންތިޚާބެއް ބޭއްވުމާ ހަމަޔަށް މިހާރު އިންތިޚާބްވެފައިވާ ކައުންސިލަރުން މަޤާމުގައި ދެމިތިއްބަވާ މުއްދަތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމަށް ޚާއްސަ ބިލް މަޖިލީހުން ފާސްކުރުން ހިމެނެއެވެ.

އަދި ރޭޕްކުރުން ބޮޑުކުށެއްގެ ގޮތުގައި ކަނޑައަޅައި މަޖިލީހުން ޖިނާއީ އިޖުރާތު ޤާނޫނަށް ހުށައެޅި އިސްލާހުތަކުގެ ބިލާއި، ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހުވެސް މިދައުރުގެ ތެރޭގައި މަޖިލީހުން ފާސްކޮށްފައިވެއެވެ.

މީގެ އިތުރުން ޢާންމު ޤަވާއިދުތަކާ ބެހޭ ޤާނޫނުގައި "ކުޑަކުދިންގެ އަދުލުގެ ޤަވާއިދު" ހިމަނާ މިޤަވާއިދަށް ޤާނޫނީ ބާރުދިނުމަށް ރައްޔިތުންގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ.