ޚަބަރު

ޝަރީއަތްތައް ނުހުއްޓި ކުރިޔަށްދާނެ


ކޯވިޑް-19 އާ ގުޅިގެން ދައުލަތުގެ އިދާރާތައް ބަންދުކުރެއްވުމަށް ނިންމަވާފައިވާ މުއްދަތުގައިވެސް ޝަރުޢީ ދާއިރާގެ ޚިދުމަތް މެދުނުކެނޑޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އަންގަވައިފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ޚާއްޞަ ފިޔަވަޅުތަކުގެ ތެރެއިން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތައް ނުހުޅުވާ ހުންނަ ދުވަސްތަކުގައި ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުން، ހޯދަން ބޭނުންވާ މައުލޫމާތުތައް އީމެއިލް ނުވަތަ ކޯޓުން ކަނޑައަޅާ ވަޞީލަތެއް މެދުވެރިކޮށް ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހެޅޭ ގޮތް ހެދުމާއި މައްސަލަތައް ހުށަހެޅުމާބެހޭ ގޮތުން ޢާއްމުންނަށް މަޢުލޫމާތު ސާފުކުރެއްވޭނެ އިންތިޒާމު ހަމަޖައްސެމަށް ވަނީ އަންގާފައެވެ.

އޮފީސް ނުހުޅުވާ ދުވަސްވަރު ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ބޭއްވުމަށް ނިންމާފައިވާ ޝަރީޢަތުގެ މަޖިލިސްތައް، ކޯޓުގެ ފަނޑިޔާރުން ކަނޑައަޅާ ގޮތެއްގެ މަތިން ވީހާވެސް މަދު މުވައްޒަފުން ނެރެގެން ނުވަތަ ޑިޔުޓީ އުޞޫލުން މުވައްޒަފުން ނެރެގެން ކުރިއަށްގެންދިއުމާއި އޮންލައިންކޮށް ބޭއްވޭނެ ޝަރީޢަތުގެ މަޖިލިސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްވެސް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކަށް ވަނީ އަންގަވާފައެވެ.

ކޮންމެހެން މަސައްކަތަށް ނެރެން ޖެހިގެން ނެރޭ މުވައްޒަފުންގެ ތެރޭގައި 60 އަހަރުން މަތީގެ މުވައްޒަފުންނާއި، އެޗްޕީއޭއިން އެބަލިތަކެއް ހުރުމުން ކޯވިޑް-19 ޖެހިގެން ޙާލު ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ފާހަގަކޮށްފައިވާ ކެޓަގަރީއެއްގައި ހިމެނޭ މުވައްޒަފުން މަސައްކަތަށް ނުނެރުމަށް ވަނީ އަންގާފައެވެ. އަދި ކޯޓު ނުހުޅުވާ މަސައްކަތް ކުރާ މުއްދަތުގައި ގެއިން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ގޭގައި ކުރެވޭނެ މަސައްކަތްތައް ގެއިން ކުރުމަށް ބާރު އެޅުމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އަންގަވާފައެވެ.

ދައުލަތުގެ އިދާރާތައް ނުހުޅުވާގޮތަށް ހަމަޖައްސާފައިވަނީ، ކޯވިޑް-19 ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ކަމަށްވާތީ، އިޖްތިމާޢީ ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ބަންދުގެ މުއްދަތުގައި ޝަރުޢީ ދާއިރާގެ އެއްވެސް މުވައްޒަފަކު ޒަރޫރީ ބޭނުމެއްގައި މެނުވީ، ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.