ކުޅިވަރު

ޗެމްޕިއަންސް ލީގު ގަދަ އަށަކަށް ދާން ބޭނުން: ގަޓޫސޯ


ކުލަބުގެ ތާރީޙައްޓަކައިވެސް ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ޖާގަ ހޯދަން ބޭނުންވާކަމަށް ނަޕޯލީގެ ކޯޗު ގެނާރޯ ގަޓޫސޯ ބުނެފިއެވެ.

ބުރަކޮށް މަސައްކަތްކޮށް އެއްވާނެއްގައި ގޮސް ބާސެލޯނާ ދެކޮޅަށް ނުކުންނަ ޖެހުމަކީ އޭނާ އެންމެ އެދޭގޮތްކަމަށް ގަޓޫސޯ ވަނީ ބުނެފައެވެ. ގަޓޫސޯ ބުނީ ލީގުގައި މިހާ ބުރަކޮށް މަސައްކަތްކުރުމަށްފަހު ބާސެލޯނާ މެޗަށް ފޯކަސް ކުރުމަކީވެސް އެހާ ފަސޭހަކަމެއް ނޫންކަމަށެވެ.

ގަޓޫސޯ ބުނީ ކުލަބުގެ ތާރީހުގައި ކުއާޓާ ފައިނަލަށް ދެވިފަނެތުމުން ފުރަތަމަ ފަހަރަށް ނަޕޯލީއަށް އެކަން ކޮށްދޭން ބޭނުންވާކަމަށެވެ. ގަޓޫސޯގެ ކޯޗުކަމުގެ ދަށުން ނަޕޯލީ ބާސެލޯނާއާއި ދެކޮޅަށް ކުޅޭއިރު ވަރަށް ފަރުވާތެރިވާން ޖެހޭނެ ކަމަށާއި ފަޅި ސިކުންތެވެސް ސަމާލުކަން ގެއްލުވާލައިފި ނަމަ ސަލާމަތް ނުވާނެކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ.

މިލާންއާއި އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ގަޓޫސޯ ބުނީ އަމާޒަކީ ނަޕޯލީގެ ސްޓައިލުގައި ކުޅެ މެޗު ކާމިޔާބުކުރުން ކަމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގައި ދެވަނަ ލެގުގައި ބާސެލޯނާއާއި ނަޕޯލީ ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ނަޕޯލީގެ ދަނޑުގައި މި ދެޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.