ޚަބަރު

ރާއްޖެއިން ފުރުވާލި ބިދޭސީންގެ އަދަދު ސާދަ ހާހަށްވުރެ މައްޗަށް


ރާއްޖެއިން އެނބުރި ޤައުމަށް ދާން ބޭނުންވި އިތުރު 200 ބިދޭސީއަކު ޤައުމަށް ފުރުވާލައިފިއެވެ. މިއާއެކު ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންނާއި ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޤައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީން ފުރުވާލުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ފުރުވާލެވުނު މީހުންގެ އަދަދު ވަނީ ސާދަ ހާހަށްވުރެ އިތުރުވެފައެވެ.

މިއަދު އަނބުރާ ޤައުމަށް ފުރުވާލި ބިދޭސީން ފުރާފައިވަނީ މިއަދު މެންދުރުކުރީގައި މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ މީހުންނާއި އަދި އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުންނަށްވަނީ އެ ފުރުސަތު ހުލުވާލާފައެވެ. މި މަސައްކަތަކީ މިނިސްޓްރި އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިގޮތަށް ގަވައިދާ ޚިލާފަށް އުޅޭ މީހުންނާއި އެނބުރި ޤައުމަށްދާން ބޭނުންވާ ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށްވަނީ ފޮނުވާލާފައެވެ. އެގޮތުން ސާދަހާހަށްވުރެ ގިނަ މީހުން މިހާތަނަށް ޤައުމަށް ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުންވަނީ ހާމަކުރައްވާފައެވެ. މިހާތަނަށް އެންމެގިނައިން އަނބުރާ ޤައުމަށް ފުރުވާލާފައިވަނީ ބަންގްލަދޭޝްއާއި އިންޑިއާގެ ރައްޔިތުންނެވެ. އިމިގްރޭޝަނުން ވިދާލުވީ ބަންގްލަދޭޝާއި އިންޑިއާއަށް ނިސްބަތްވާ ދިހަހާހެއްހާ މީހުން މިހާރު އެނބުރި ޤައުމަށް ގޮސްފައިވާކަމަށެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމާއި، ރެގިއުލަރައިޒް ޕްރޮގްރާމްގެދަށުން ލިޔެކިޔުން ހަމަކުރުމަށް އެހީވުމާއި، އަދި އަތޮޅުތަކުގައި ގަވައިދާ ޚިލާފަށް އުޅޭ މީހުން ގަޢުމަށް ފޮނުވާލުމުގެ މަސައްކަތުގެ އިތުރުން، އަނބުރާ ޤައުމަށްދާން ބޭނުންވާ ބިދޭސީން ހޯދާ އެމީހުންނަށް ފަސޭގަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އެކި މަސައްކަތްތަކުގައި ރާއްޖޭގައި އެއްލައްކަ ތިރީސް ހާހަށްވުރެ ގިނަ ބިދޭސީން އުޅެމުން އަންނައިރު، ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންނަކީ ލިޔެކިއުނުތައް ހަމަނުކޮށް އުޅެމުން އަންނަ މީހުންކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.