ދިވެހިރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މާދަމާ ޤައުމާއި މުޚާތަބް ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބް ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00ގައެވެ.
މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 06:00ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
ރަސްމީކޮށް ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނީ މާލޭގައި، ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއި ދަޢުލަތުގެ އިސްވެރިން ބައިވެރިވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓްރީއިން ވިދާޅުވިއެވެ. ދިދަނެގުމުގެ ރަސްމިއްޔާތުގައި ޚައްސަ ދުޢާއެއްކުރުންވެސް އޮންނާނެއެވެ.
ރަށްރަށުގައި ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތުގައި އެ ރަށެއްގެ ސަރުކާރުގެ އޮފީސްތަކާއި އާއްމުންނަށްވެސް ބައިވެރިވެވޭނެއެވެ.
މިނިވަން ދުވަސް އެހެން އަހަރުތަކުގައި ކުލަގަދަކޮށް ފާހަގަކުރިނަމަވެސް، މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް އިތުރު ހަރަކާތްތައް ނުބޭއްވުމަށް ހޯމް މިނިސްޓްރީންވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
ނަމަވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖުތަކެއް ޙިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އެކި ދާއިރާތަކުންނާއި، މަޝްހޫރު ބޭބޭފުޅުންގެ މެސެޖާއި ޝުޢޫރުތަކާއި، އަދި ކޮންމެ އަތޮޅަކުން ޚާއްސަ މެސެޖެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.
ހޯމް މިނިސްޓްރީއިން ވިދާޅުވީ ކޯވިޑް-19 ނެތް ރަށްތަކުގައި ރަށު ފެންވަރުގައި ހަރަކާތްތައް ކުރިއަށްގެންދެވޭނެކަމަށެވެ. ނަމަވެސް ރަސްމީ އެއްވެސް ހަރަކާތެއް މިއަހަރު ކުރިއަށްނުދާނެކަމަށެވެ.
ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 26ވަނަ ދުވަސް ފާހަގަކުރަނީ އިންގިރޭސީންގެ އަތްދަށުން ދިވެހި ޤައުމަށް މިނިވަންކަން ލިބުނު ދުވަހުގެ އުފާވެރި މުނާސަބަތުގައެވެ. އިނގިރޭސީންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.