ޚަބަރު

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާން ސަސްޕެންޑްކޮށްފި


ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނު 2 މަސްދުވަހަށް ސަސްޕެންޑުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާން 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްފަހު ހައިކޯޓު ހިންގުންއެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިންޒަކަރިއްޔާއާ ޙަވާލުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނުގެ މައްޗަށް ޖޭއެސްސީން ތަހްޤީޤުކުރަންމުންދަނީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ގއ.ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެނޑިޑޭޓަކަށް ވޯޓް ހޯދުމަށް މަސައްކަތްކުރުމުގެ އިތުރުން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރިމީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާކޮށްފައިވާކަމަށް ހުށަހެޅިފައިވާ މައްސަލަތަކެއްކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

މިމައްސަލައަކީ މައްސަލައިގެ ތަޙްޤީޤު ނިންމުމަށްފަހު، ތަޙުޤީޤު ރިޕޯޓުގައިވާ ކަންކަމަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ ފުރުސަތާއެކު މިދިޔަ ހޯމަ ދުވަހު ތަޙުޤީޤު ރިޕޯޓު ފަނޑިޔާރު ޝުޖާޢު އުޘްމާންއާ ޙަވާލުކޮށްފައިވާ މައްސަލައެއްކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނުގެ މައްޗަށް ތުހުމަތުތަކެއްކޮށް އަމިއްލަ ފަރާތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މިދިޔަ މަހުވަނީ މައްސަލައެއްވެސް ހުށައަޅާފައިވެއެވެ.

އެއީ ޚާއްސަ ހާލަތުގައި ހައިކޯޓުގެ ޝަރީއަތްތައް ދުރުން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލާ ޚިލާފަށް ޝަރީއަތެއް ކުރިއަށް ގެންދިޔަކަމަށް ބުނެއެވެ. މައްސަލަ ހުށައެޅި ފަރާތުން ބުނެފައިވަނީ ހައިކޯޓުގައި ނުނިމި ހުރެ އެތައް ދުވަހެއްވެފައިވާ މައްސަލަތައް ހުއްޓާ، ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން އަވަސް އަރުވާލައިގެން ފަނޑިޔާރު ޝުޖާއު އުޘްމާނު ޝަރީއަތުގެ މަޖިލީހެއް ބާއްވާފައިވާކަމަށެވެ.

އުސޫލާ ޚިލާފަށް ކުރިއަށްގެންދިޔަ ކަމަށްބުނާ ޝަރީއަތުގެ މަޖިލީހަކީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު ރިޔާސަތު ބެލެހެއްޓެވި ފައިސާއާ ގުޅޭ މައްސަލައެކެވެ. ހައިކޯޓުގެ ބައެއް މައްސަލަތައް ޔޫޓިއުބް މެދުވެރިކޮށް ލައިވް ސްޓްރީމް ކުރި ނަމަވެސް މި މައްސަލަ ލައިވް ސްޓްރީމް ކޮށްފައެއް ނުވެއެވެ.