ޚަބަރު

ބޮޑު ޚިޔާނާތުގެ ތަޙުޤީގު ނިންމާލެވޭނެ ތާރީޚެއް ދަންނަވަން ދަތި - އޭސީސީ


ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގާފައިވާ އެންމެބޮޑު ޚިޔާނާތުގެ މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ތަޙުޤީކޮށްނިންމޭނެ ސީދާ ތާރީޚެއް ވިދާޅުވާން ތަދިކަމަށާ އެކަމަށް އެންމެ މަދުވެގެންވެސް އަހަރަކަށްވުރެ ގިނަދުވަސް ނަގާފާނެކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އޭސީސީގެ މެންބަރުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަައް ބެލުމަށްވެސް އިންވެސްޓިގޭޓަރުންގެ ވަކިޓީމެއް އެކުލަވާލައި މައްސަލަތައް ވީއެންމެ އަވަހަކަށް ނިންމުމަށް އެކޮމިޝަނުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

މި ޚިޔާނާތާ ގުޅޭ މައްސަލަތައް ނިންމޭނެ ސީދާ މުއްދަތަކާ ގުޅޭގޮތުން މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އޭސީސީގެ މެންބަރު އިބްރާހީމް ޝަކީލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުންހުރި ބައެއް މީހުން ތަޙުގީގުތައް ނިންމައި މިހާރުވެސް ދަޢުވާކުރަން ފޮނުވައި ކޯޓު މަރުހަލާއަށްވެސް ގޮސްފައިވާކަމަށެވެ. ނަމަވެސް އެމައްސަލާގައި ހިމެނޭ އެންމެގެ ތަޙުޤީގުތައް ކުރިއަށްއޮތް ހަމަހުންވެސް އަދި އަހަރެއްހައި ދުވަހުންވެސް ނިންމާލެވޭނެކަމަށް ވިދާޅުވާން ދަތިކަމަށް މެންބަރު ޝަކީލް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީ ކޭސްގައި ބަލައި ނިންމާފައި އެއްފަހަރާ ފޮނުވާގޮތަކަށް ނޫން އިނގޭތޯ އެކަންއޮތީކީ. އެހެންވީމަ ޕެރަރަލްކޮށް މިހާރުވެސް ތަހުގީގު ކުރިއަށްދާ މައްސަލަތައް ދައުވާކުރުމަށް ރެޑީވާވަރަކުން ކޯޓަށް ވައްދަމުންދަނީ. މިސާލަކަށް ރައީސް ޔާމީންގެ މައްސަލަވެސް ވެއްދީ. އަދީބުގެ މައްސަލަވެސް ވެއްދީ އަދި ޒިޔަތުގެ މައްސަލަތައްވެސްދާނެ. އޭގެއިތުރުން ދެންތިބި މީހުންގެ މައްސަލަވެސްދާނެ. ރިސޯސް ހުރިގޮތާއި ކަންކަމުގެ ޕްރެކްޓިކަލިޓީއަށްބަލާއިރު ހުރިހާ މައްސަލައެއް ނިމޭނީ މިތާރީޚުގައޭ ދަންނަވަން ވަރަށްދަތި" އިބްރާހީމް ޝަކީލް ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ދެއްވި މައުލޫމާތުގައި އޭސީސީންވަނީ އެކޮމިޝަނަށް ހުށައަޅައި ނުނިމި ހަތަރު އަހަރަށްވުރެ ގިނަދުވަސްވީ މައްސަލަތައްވެސް ހުރިކަން ފާހަގަކުރައްވައި އެމައްސަލަތައް ވީއެންމެ އަވަހަށް ނިންމުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވިއެވެ.

ބައެއް މައްސަލަތަކަކީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މައްސަލަތަކަކަށްވުމުން ޓީމުތަކަކަށް ބަހާލައިގެން އިންވެސްޓިގޭޓަރުން ބަހާލާފައިވާއިރު ހުރިހާ މައްސަލަތައް ބެލުމަށް މުޅި ކޮމިޝަނުގައި ތިބީ ޖުމަލް 45 އިންވެސްޓިގޭޝަން އޮފިޒަރުންނަށްވުމުން ބޮޑެތި ދަތިތަކެއް ކުރިމަތިވާކަން އެކޮމިޝަނުން ފާހަގަކުރެެވިއެވެ.

މީގެ އިތުރުން ކޮމިޝަނުން ތަހުޤީގު ނިންމާ މައްސަލަތާއި މަސައްކަތްތައް ހަލުއިކުރުމާއި ދިމާވާ ތަފާތު މައްސަލަތައް ދުރާލާ ހައްލުކުރުމަށް ޕްރެސިކިއުޓަރ ޖެނަރަލްގެ އޮފީހާއި ބަންޑާރަ ނާއިބުގެ އޮފީހާއި ގުޅިގެންވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭސީސީން ވަނީ މައުލޫމާތުދެއްވާފައެވެ.