ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހުގެނެސް އެބިލް ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން ފާސްކޮށްފައިވާ މިބިލަށް ޖުމްލަ 6 އިސްލާހެއް ހުށަހަޅައި އެއިސްލާހުތައް ވަނީ ފާސްކޮށްފައެވެ. އައްޑު އާއި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރަހައްދީ ބަނދަރުތަކަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. މިއިސްލާހަށް ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއެވެ. މި އިސްލާހު މުޅިމަޖިލީޙުގެ ކޮމިޓީން ފާސްކޮށްފައިވަނީ 54 މެމްބަރުންގެ ވޯޓުންނެވެ.
މަޖިލީޙުގެ ހުރިހާ މެމްބަރުންގެ ބައިވެރިވުމާއިއެކު މުޅި މަޖިލިސް ކޮމިޓީން ދިރާސާކުރި މިބިލަށް ހުށަހެޅި އިސްލާހުތަކާއިއެކު މުޅި ބިލަށްވެސް މިއަދުވަނީ ވޯޓަށް އަހާފައެވެ. ކޮމިޓީން ބިލް ފާސްކޮށްފައިވަނީ 55 މެމްބަރުންގެ ވޯޓުންނެވެ. މިބިލްގެ ކޮމިޓީ މަރުހަލާ ނިމުމުން މެމްބަރުން އިތުރު އިސްލާހެއް ހުށަހަޅަން ބޭނުންނަމަ އިސްލާހު ހުށަހެޅުމަށް 3 ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު އިސްލާހު ގެނައުމަށް ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހެޅުއްވާފައިވަނީ އެކި ސިނާޢަތްތަށް ފަށައި، ތަރައްޤީކުރުމަށް ބޭނުންވާ ތަކެއްޗާއި، ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތިން ނަގާ ޑިއުޓީ ކުޑަ ކުރުން ނުވަތަ ޑިއުޓީ ކަނޑާލުމަށް އިސްކަން ދިނުމަށެވެ. ބިލުގެ ސަބަބުން ރާއްޖޭގައި އޮޑިދޯނި ފަހަރުގެ މަސައްކަތް ކުރާ ފަރާތްތަކަށާއި، އާންމު އެކި މަސައްކަތް ކުރައްވާ މީހުންގެ މަސައްކަތަށް ބޭނުންވާ ތަކެތި ގެނަމުގައި ބޮޑެތި ލުއިތަކެއް ދެވިގެންދާނެއެވެ.
މިބިލްހުށަހެޅި މަޤްޞަދުތަކުގެ ތޭރޭގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން، ދިވެހިރާއްޖެއަށް އެތެރެކުރެވޭ ބައެއް ބާވަތުގެ މުދަލުން އިމްޕޯޓް ޑިއުޓީ ނެގުން ކުޑަކުރުން ނުވަތަ ހުއްޓާލުމާއި، ޞިއްޙަތަށް ގެއްލުން ލިބޭ ބާވަތުގެ ތަކެތި ބޭނުންކުރުމުން ދުރުހެލިވުމަށް ބާރުއެޅުމަށްޓަކައި އެފަދަ މުދަލުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމެވެ.
މީގެ އިތުރުން އެއްގަމު އުޅަދުފަހަރު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ރަށްތަކެއްގައި ބޭނުންކުރާ ޙާލަތުގައި އެ އުޅަނދުފަހަރަށް ކަނޑައަޅާފައިވާ އިމްޕޯޓް ޑިއުޓީ މަޢާފުކުރެވޭ ގޮތަށް ހަމަޖެއްސުމާއި އިމްޕޯޓް ޑިއުޓީ ދެއްކުމަކާ ނުލައި ވަގުތީ ގޮތުން އެތެރެކުރުމުގެ ހުއްދަ ދެމުން އައި އުޅަނދު ފަހަރު އެތެރެކުރުން ހުއްޓާލައި، ވަކި ތާރީޚެއްގެ ފަހުން އެފަދަ އުޅަނދުތަކުން އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ ގޮތަށް ކަނޑައެޅުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މިބިލުން ސިއްޚަތަށް ގެއްލުންހުރި ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރުމަށްވެސް ވަނީ ނިންމާފައެވެ. ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 200 އިންސައްތައެވެ. އަދި ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަމުންދަނީ 25 އިންސައްތައެވެ. ޤާނޫނުގައިވާގޮތުން ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 2 ރުފިޔާއެވެ. ނަމަވެސް ސިނގިރޭޓަކަށް ނަގާ ޑިއުޓީ ބޮޑުކޮށް ސިގިރޭޓަކުން 3 ރުފިޔާ ޑިއުޓީއެއް ނެގުމަށް ވަނީ ހުށަހަޅާފައެވެ.
އާދަމް
މަތީ ޑިއުޓީގެ ތަކެތި ދެކޮޅު ދެ ބަނދަރަށް %50 ޑިއުޓީ މާފުކޮށް ދޫކުރުމުން 1 ބިލިއަން އަހަރަކު ގެއްލޭނެ. ހިފެހެއްޓެންޏާ އޯކޭ.