ޚަބަރު

މެންދުރުފަހު އުދައަރާނެ، ސަމާލުވޭ


މިއަދު މެންދުރުފަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އުދައެރުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށް މުސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

އެ އިދާރާއިން ބުނީ މެންދުރު 12:45 - ހަވީރު 16:00 ރާއްޖޭގެ ހުރިހާ ހިސާބަކަށް އުދައެރުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެތީ ރާއްޖެ ބައެއް ހިސާބުތަކަށް މެޓް އޮފީހުންވަނި ވައިޓް އެލާޓްވެސް ނެރެފައެވެ. މިގޮތުން ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ދެމެދު ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނަކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި މި ސަރަހައްދުގައި ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ވިއްސާރަކުރާނެކަމަށައި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ. އެންމެ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކުގައި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގައިވެސް ވަނީ ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދަ އަރާފައެވެ. އެގޮތުން ގދ. ތިނަދުއާއި ފަރެސްމާތޮޑާގެ އިތުރުން، އއ.އުކުޅަހަށްވެސް ވަނީ ވަރަށް ބޮޑަށް އުދައަރާފައެވެ.