ދިވެހި ފުލުހުންނަށް ފާޑުކިޔާ މީހަކަށް ވުމަށްވުރެ ނަޒާހާތްތެރި މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ދެމިހުންނަވާނޭކަމުގެ ޔަގީކަން ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާ ގުޅިގެން ފުލުހުން ކުރައްވަމުންދާ މަސައްކަތްތަކާގުޅިގެން އިސްކަންދަރު ކޮށީގައި ފުލުހުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ދިވެހި ފުލުހުންނަކީ ރައްޔިިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ، ފަޚުރުވެރިވާ ނަޒާހާތްތެރި ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދުމަށް މަސައްކަތް ކުރުމުގައި ދެމި ހުންނަވާނެކަމަށެވެ.
ފުލުހުންގެ ތެރެއަށް ގެންނަންޖެހޭ ޒަމާނީ އިސްލާހީ ބަދަލުތައް ގެންނަވާނީ ފުލުހުންގެ ތެރޭގައި ތިއްބެވި ޢިލްމީ ތަޖުރިބާހުރި ބޭފުޅުންގެ ލަފަޔާއި މަޝްވަރާއާއެކުކަމަށްވެސް ރައީސް ވިދާޅުވިއެވެ. ފުލުހުންގެ މުއައްސާއަކީވެސް އިލްމީ ގޮތުންނާއި، ތަޖުރިބާގެ ގޮތުންވެސް އަދިސް އިތުރު ފުރުސަތު ބޭނުންވާބައެއްކަމަށެވެ. ފުލުހުންނަށް އެފުރުސަތު ހޯދައިދިނުމުގައި ސަރުކާރުން ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެންނަންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށާ، މިމައްސަލަތައް ހައްލުކުރުމަށްތަކައި އެކަންވެސް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެެވެ.
"މިކަން ކުރުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ހުރިކަމަށް އަޅުގަނޑު ޤަބޫލުކުރަން. އަދި ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތައުލީމާއި ތަމްރީނުވެސް އިތުރަށް ހޯދައިދޭން އެބަޖެހޭ. ހަމައެފަދައިން ފުލުހުންގެ ވެލްފެއާގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއްދޭން އެބަޖެހޭ. އަޅުގަނޑު ބޭނުންވަނީ ފާޑުކިޔާ މީހެއްގެ ގޮތުގައި ހުންނާކަށްނޫން. އަޅުގަނޑުގެ ބޭނުނަމަކީ ދިވެހި ފުލުހުންނަކީ ރައްޔިިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ އަދި ތިޔަ ފުލުހުންވެސް އެތަނަކާއިމެދު ފަހުރުވެރިވާ ނަޒާހާތްތެރި ޕްރޮފެޝަނަލް މުވައްސަސާއަކަށް ދިވެހި ފުލުހުންގެ ޙިދުމަތް ހެދުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސާއަށް ކުރިމަތިވާ ފާޑުކިޔުންތަކުން ޙައްލު ހޯދުމަށްޓަކައި ހުށަހެޅޭ މައްސަލަތައް އަވަސްކޮށް، ތަހުގީގު އަވަސްކުރަންޖެހޭކަމަށެވެ. ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނާ ގުޅޭގޮތުން ހުށަހެޅޭ ޖިންސީ މައްސަލަތަކާއި، މިނޫންވެސް ރައްޔިތުންނާ ގުޅިފައިވާ ސީރިއަސް މައްސަލަތައް އަވަހަށް ބަލައި ތަޙްޤީޤްނިންމަންޖެހޭކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް އެކަމެއްގެ ވަގުތުގައި ގެނެސް ދިނުމަކީވެސް މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު މުޖުތަމައުގައި އިތުރުވެ ގިނަވެގެން މިދާ މައްސަލަތަކަކީ އެތައް ޒަމާނެއް ވަންދެން އެކަންކަމާއިމެދު މާބޮޑު ސަމާލުކަމެއްނުދީ އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ފަސްޖެހުމުގެ ސަބަބުން ތިލަވަމުން އަންނަ މައްސަލަތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. މިކަންކަން ބަލައި ފިޔަވަޅު އެޅުމުގައި މިހާރަަށްވުވެސް ހާމަކަން ބޮޑު މަަސއްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންގެ ކިބައި އެދިވަޑައިގަންނަވާފައެވެ.
"އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ އެތައް ޒަމާނެއް ވަންދެއް އެކަންކަމާއިމެދު މާބޮޑު ސަމާލުކަމެއްނުދީ އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ފަސްޖެހުމުގެ ސަބަބުން ތިލަވަމުން އަންނަ މައްސަލަތަކެއް. އެއީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް ވިޔަސް. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގެވެށި އަނިޔާއާއި، މަސްތުވާތަކެތީގެ މައްސަލައަށްވިޔަސ، މިއީ ހައްލުނުކުރެވި މުޖުތަމައުގައި ހުރި ދުވަސްވީ މައްސަލަތައް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދު ރާއްޖޭގައި ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމަށް އެއްވެސް ހިފެހެއްޓުމެއްނެތި ފުރުސަތު ހުޅުވާލެވިފައިވާއިރު، މުޖުތަމައުގައި ހިނގާ ސީރިއަސް މައްސަލަތައް މީޑިޔާތަކުން ގެނެސްދިނުމުގައި އަމަލުކުރާގޮތުން ހަގީގަތާ ޚިލާފުއެތައް ވާހަކައެއް ފެތުރި މުޖުތަމައުގައި ކަންބޮޑުވުން އިތުރުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިކަމަށްވެސް ހައްލު އަންނާނީ އެކަންކަމުގެ މައުލޫމާތު ފުލުހުން ހާމަކޮށް ހަގީގަތް ރައްޔިތުންނާއި ހަމަޔަށް ގެނެސްދެވޭލެއް އަވަސްވެގެންކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިޖުތިމާއީ މިފަދަ މައްސަލަތައް ހައްލުކުރުމަށްކަމަށެވެ. ފުލުހުންނަކީ ޤާނޫނު ތަންފީޒުކުރުމުގައި އެންމެމުހިންމު ދައުރު އަދާކުރާ، ރައްޔިތުންނާއި، އެންމެ ގާތުން މަސައްކަތް ކުރާ މުއައްސަސާއަށް ވުމުން، މިމައްސަލަތައް ހައްލުުކުރުމުގައި ފުލުހުންގެ މަސްއޫލިއްޔަތާއި ޒިންމާ ވަރަށްބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.