ހޯމް ކަރަންޓީނަށް ރަށްރަށަށް ދާން ހުޅުވާލި ފުރުޞަތުގައި 41 މީހަކު މާލެއިން ކުޅުދުއްފުއްޓަށް ހިނގައްޖެއެވެ. މިއީ ހޯމް ކަރަންޓީނަށް ހުޅުވާލި ފަހުން ކުޅުދުއްފުއްޓަށް ދިޔަ ފުރަތަމަ ގުރޫޕެވެ.
މީގެ ކުރިން ރިސޯޓް ތަކުގައި ކަރަންޓީން ވުމަށްފަހުވެސް އެކި ފަހަރު މަތިން އެކި މީހުން ވަނީ ކުޅުދުއްފުއްޓަށް ގޮސްފައެވެ. މާލެ ސަރަޙައްދުން ދިޔަ އެންމެންވެސް އެރަށު ގެސްޓްހައުސްގައި ވަނީ ކަރަންޓީން ކޮށްފައެވެ.
ރަށްރަށުގައި މީހުން ކަރަންޓީން ކުރާ އުޞޫލަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެނައި ބަދަލަށްފަހު، ރަށްރަށަށް ދާން ބޭނުންވާ މީހުން ނަންނޯޓް ކުރަން ހުޅުވާލާފައިވާ ފުރުޞަތުގައި ހޯމްކަރަންޓީނަށް މާލެއިން ކުޅުދުއްފުއްޓަށް ދިއުމަށް 52 މީހަކު ނަން ނޯޓް ކުރިއެވެ.
ކުޅުދުއްފުއްޓަށް އިއްޔެ ދިޔަ 41 މީހުންގެ ތެރެއިން، 7 މީހަކު ގެންގޮސްފައިވަނީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ކޭޕީއެލްގެ ގެސްޓް ހައުސް އަށެވެ. އެ މީހުން އެތަނަށް ގެންދިޔައީ އެ މީހުންގެ ގޭބިސީތައް ކަރަންޓީން މިންގަނޑުގައި ހުންނަންޖެހޭ ކަންތައްތަކެއް ފުރިހަމަ ނުވާތީ ކަމަށް ކުޅުދުއްފުށީ ޓާސްކް ފޯސްއިން މައުލޫމާތު ދެއެވެ. ބާކީ ތިބި 34 މީހުން ހޯމް ކަރަންޓީނަށް ގެންދިޔުމަށްފަހު، އެފަދަ ގޭބިސީތަކުގެ ބޭރުގައި ޢާއްމުންނަށް އެކަން އަންގަން ލިއުން ހަރުކޮށްފައި އެވެ. އެގޮތުން 18 ގެއެއް ވަނީ ކަރަންޓީން ކޮށްފައި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުޞޫލުގައިވާ ގޮތުން މާލޭ ސަރަހައްދުގެ ލޮކްޑައުންއާ ގުޅިގެން ރަށްރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ދިއުމަށްފަހު 14 ދުވަސް ވަންދެން ގޭގައި ކަރަންޓިންވާން ޖެހެ އެވެ. އަދި 14 ދުވަސް ވުމުން ކޯވިޑަށް ޓެސްޓް ހަދާނެކަމަށާއި، މިޓެސްޓް ނެގެޓިވް ވާމީހުން ޢާއްމުޙާލަތަށް ރުޖޫޢަ ކުރެވޭނެ ކަން ވަނީ ހާމަ ކޮށްފައެވެ.