ޚަބަރު

އެކި ބޭނުންތަކަށް ބޭރަށް ނިކުތުމުގެ ހުއްދަ ދޭނީ ފުލުހުން


ފުރަބަންދަށް ލުއިދިން ނަމަވެސް ކޮންމެ މީހަކަށްވެސް ގެއިން ބޭރަށް ދެވޭނީ ފުލުހުން ދޫކުރާ ޚާއްސަ ޙުއްދައާއެކުކަމަށާއި، ވަކިވަކި ފަރުދުންވެސް ޙުއްދައަށް އެދެންޖެހޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ކުރިއެކޭވެސް އެއްފަދައިން ބޭރަށްދާން ބޭނުންވާ އަމިއްލަ ފަރާތްތަކަށް އެކަމުގެ ޙުއްދަދޭނީ ފުލުހުން ކަމަށެވެ. އެގޮތުން ފުރަބަންދަށް ލުއިދިނުމުން ފުރަތަމަ ދެ ހަފްތާގައި ކޮންމެ ގެއަކުން 3 މީހަކަށް ބޭރަށް ދިއުމުގެ ޙުއްދައާއި، އުމުރުން ދުވަސްވީ މީހުން ކަނޑައަޅާފައިވާ ވަކި ގަޑިއެއްގައި ބޭރަށް ދިއުމަށް ޙުއްދަ ހޯދުމަށް އެދެންޖެހޭނީވެސް ފުލުހުން އެކަމަށް ކަނޑައަޅާފައިވާ ޕޯޓަލް މެެދުވެރިކޮށްކަމަަށެވެ.

މީގެ އިތުރުން ސިޓީ ކައުންސިލާއި މިނިސްޓްރީއޮފް އިކޮނަމިކް ޑިވެލޮޕްމެންޓުގެ ޕޯޓަލް މެދުވެރިކޮށް އެކިއެކި ކަންކަމަށް ހުއްދައަށް އެދުނުނަމަވެސް ސީދާ އެހުއްދަތައްވެސް އެޕްރޫވްކުރާނީ ފުލުހުންކަމަށެވެ.

"އިންޑިވިޖުއަލް ޕާމިޓްތައް ހަމަ ދޫކުރަމުންދާނީ ޕޮލިސް ޕޯޓަލްގެތެރެއިން. އަދި އޭގެ އިތުރުން ޓްރެވަލް ޕާމިޓްސްވެސް މެޑިކަލް ކަންކަމުގެ ޕާމިޓްވެސްހަމަ ޕޮލިސްގެ ޕޯޓަލްއިން ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ. އެއީ އެއްރަށުން އަނެއްރަށަށްނަމަވެސް، މާލެތެރޭގައި ކަމުގައިވިޔަސް. އަދި ޝޮޕިންގ ޕާމިޓްސް، އެއްޕާމިޓުން ތިން ޕާމިޓައް ބަދަލުވިއަސް އެހުއްދަދޭނީ ފުލުހުން"

މިނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ ފުރަބަންދަށް ލުއިދޭން ކަނަޑައަޅާފައިމިވާ ފުރަތަމަ ފިޔަވަހީގައި ވިޔަފާރިތަކަށް މީގެފަހުން ޙުއްދަދޭނީ މާލެ ސިޓީކައުންސިލުގެ ވެބްސައިޓްގައި ޤައިމްކޮށްފައިވާ ޕޯޓަލް މެދުވެރިކޮށްކަމަށެވެ. ޝަމާޢު ވިދާޅުވީ ވިޔަފާރިތަކުން ހުއްދައަށް އެދޭ ފަރާތްތަކަށް ސިޓީކައުންސިލްގެ ޕޯޓަލް މާދަމާ ހުޅުވާލާނެކަމަށެވެ.

"މިއައި ބަދަލަކީ ވިޔަފާރިތަކާއި ގުޅުންހުރި އެކިއެކި ޙުއްދަތަކަށް ދެން ތިވޭފުޅުން ހުށައަޅަންޖެހޭނީ ސީޓީކައުންސިލްގެ ވެބްސައިޓުގައި އިންނަ ޕޯޓަލްއަށް. ދެން އެއަށްފަހު ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށްދިއުމަށްފަހު ޕޮލިސްއިން ހަމަ ޕާމިޓްތައް ދޫކުރަމުންދާނެ" ޝަމާޢު ޝަރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި އެކި އެކި އޮފީސްތައް ހުޅުވުމަށް ހުއްދަ ހޯދަންޖެހޭނީ އިކޮނަމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޕޯޓަލްގައިކަމަށްވެސް ޝަމާޢު ވިދާޅުވިއެވެ.

ފުރަބަންދަށް ލުއިދީފައިވާ މިދުވަސްވަރުވެސް ބޭރަށް ނުކުންނައިރު، މާސްކު އެޅުމާއި ގައިދުރުކަން އިޚްރިޔާރުކޮށް ސިއްޙީ އިދާރާތަކުންދެއްވާ އިރުޝާދުތަކަށް ސަމާލުވުމަކީ މުހިއްމުކަމެއްކަމަށް، ފުލުހުންނާއި މާލެ ސިޓީ ކައުންސިލުންވެސް ވަނީ ވިދާޅުވެފައެވެ.