ޚަބަރު

ހުރްމުޒްގެ ރައްކާތެރިކަން ކަށަވަރުކުރަން ގަލްފުގެ ޤައުމުތަކުން އީރާނާ ގުޅެނީ


އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުالله ބިން ޒާޔިދު އަލް-ނަހްޔާން، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއާ ފޯނުން ގުޅުއްވައި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ކަނޑު ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމާ މެދު މަޝްވަރާ ކުރައްވައިފިއެވެ. މިއީ، އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައަށްފަހު، އީރާނާއި ޔޫއޭއީއާ ދެމެދު މަޝްވަރާތަކެއް ކޮށްފައިވާ ކަން ރަސްމީކޮށް ހާމަކޮށްފައިވާ ފުރަތަމަ ފަހަރެވެ.

ޔޫއޭއީގެ ރަސްމީ ނޫސް އެޖެންސީ، ޑަބްލިޔުއޭއެމްއިން ބުނީ، މިއީ ޙަމަލާތަކަށްފަހު ދެ ވަޒީރުން ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރު ކަމުގައެވެ. އެމެރިކާގެ ޢުދުވާނަށް ރައްދުދިނުމަށް އީރާނުން ދިން ޙަމަލާތައް ޔޫއޭއީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އަމާޒުވިއެވެ. ޝައިޚް ޢަބްދުالله ވަނީ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއާއި އީރާނުން ސޮއިކޮށްފައިވާ އިބުތިދާއީ އެއްބަސްވުން ތަންފީޒުކުރުމަށާއި، ގަލްފުގެ ޤައުމުތަކުގެ މިނިވަންކަމަށް އިޙުތިރާމުކުރުމަށް ގޮވައިލައްވާފައެވެ. މި ހަނގުރާމައިގެ ސަބަބުން ޔޫއޭއީގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، ދެބަސްވުންތައް ޙައްލުކުރުމުގެ އެންމެ ރަނގަޅު މަގަކީ ޚާރިޖީ ގޮތުން މަޝްވަރާކުރުން ކަމުގައި ޝައިޚް ޢަބްދުالله ފާހަގަކުރެއްވިއެވެ.

މިއާއެކު، ހުރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ އެތައް ސަތޭކަ އުޅަނދަކާއި ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތް އަލުން ފެށުމަށް އެކުވެރި ދައުލަތްތަކުން (އދ) ދަނީ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ޓައިވާނުގެ އެވަރގްރީން ކުންފުނީގެ އުޅަނދަކަށް ދާދިފަހުން ދިން ޙަމަލާއަކާ ގުޅިގެން އދގެ ކަނޑު ދަތުރުފަތުރާ ބެހޭ އިދާރާއިން (އައިއެމްއޯ) އެ އުޅަނދުތަކާއި ފަޅުވެރިން ސަލާމަތްކުރުމަށް ފެށި މަސައްކަތް ވަނީ ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. އައިއެމްއޯއިން ބުނީ، އުޅަނދުތަކަށް ޙަމަލާނުދޭނެކަމުގެ ޔަގީންކަން ހޯދުމަށް ޓަކައި ޢުމާން، އެމެރިކާ އަދި އީރާނާއެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ.

އެ މަސައްކަތް މެދުކަނޑައިލުމުގެ ކުރިން 115 އުޅަނދަކާއި 2,500 އެއްހާ ފަޅުވެރިން ސަލާމަތް ކުރެވިފައިވާ ކަމުގައި އައިއެމްއޯއިން ބުންޏެވެ. ނަމަވެސް، އަދިވެސް ސަލާމަތްކުރަން ޖެހޭ 500 އަށްވުރެ ގިނަ އުޅަނދު އެ ސަރަޙައްދުގައި ތާށިވެފައި އޮތް ކަމަށާއި، އެ ކަމަށް އެތައް ހަފުތާއެއް ހޭދަވެދާނެ ކަމުގައި އެ އިދާރާއިން އަންދާޒާ ކުރެއެވެ. މި ކަމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ، ކަނޑުއޮޅީގައި މެދުގައިވާ ސަރަޙައްދުގައި 80 އަށްވުރެ ގިނަ ކަނޑުގެ މައިން ނުވަތަ ގޮވާތަކެތި ހުރުމެވެ. އެހެންކަމުން އުޅަނދުތައް މި ވަގުތު ދަތުރުކުުރަނީ އުތުރުން އީރާނުގެ ކަނޑުގެ ސަރަހައްދުންނާއި ދެކުނުން ޢުމާނުގެ ކަނޑުގެ ސަރަހައްދުންނެވެ. މިދަނޑިވަޅުގައި އީރާނުން ވަނީ އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓުރޯލު އޮތްކަން ހާމަކޮށް، މި މައްސަލަގަނޑުގައި އެމެރިކާގެ ފަޅިއަށް ތާޢީދުކުރުން ހުއްޓައިލުމަށް ގަލްފުގެ ޤައުމުތަކަށް ގޮވައިލާފައެވެ.