އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެންއުޅޭ އައިއެސް ޖަމާއަތް ބަލިކުރުމަށްޓަކައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް އެއްބާރުލުން ދިނުމަށް ރަޝިޔާއިން އެމެރިކާއަށް ގޮވާލައިފިއެވެ.ރަޝިޔާގެ ރަސްމީ ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި އެގައުމުގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ ޖިހާދުގެ ނަމުގައި ހަރަކާތްތެރިވާ އައިއެސްއާއި އެނޫންވެސް ހަރުކަށި ޖަމާއަތްތަކަކީ މުސްލިމުންނާއި ޣައިރު މުސްލިމުންގެވެސް ދުޝްމަނުންކަމަށާ އެޖަމާއަތްތައް ބަލިކުރުމަށްޓަކައި އެމެރިކާއިން ސޫރިޔާއަށް އެއްބާރުލުން ދޭންޖެހޭކަމަށެވެ. އަދި ހައްދު ފަހަނަޅާފައިވާ މިޖަމާއަތްތަކާ ހަނގުރާމަ ކުރުމުގައި ސޫރިޔާއަށް އެއްބާރުލުން ދިނުމަށް އެމެރިކާ ފަސްޖެހުމަކީ ސުވާލު އުފެދޭކަމެއް ކަމަށްވެސް ލާވްރޯވް ވިދާޅުވިއެވެ.