ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 30 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 14 މީހަކާއި، ބަންގަލަދޭޝްގެ 10 މީހުންނާއި، އިންޑިއާގެ 6 މީހެކެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1216އަށް އިތުރުވެއްޖެއެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު މިމަހުގެ އެންމެ ފަހު ދެހަފްތާ އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ކުރިން ލަފާކުރި ޢަދަދުތަކަށްވުރެ ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްކުރެވިފައިވާކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުން ވިދާޅުވެއެވެ. މި ޢަދަދު ދަށްކުރެވިފައިވަނީ ފުރަބަންދުކުރުމާއި، އެނޫންވެސް އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ޢަމަލުކުރުމުންކަމށްވެސް ޓެގް ޓީމުން ފާހަގަކުރައްވައެވެ.
އެހެންކަމުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްފައިވާ ރަށްރަށަށް ލުއިދިނުމުގެ ވިސްނުން ހުރިކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މިހާރުގެ ހާލަތަށްބަލައި މިމަހުގެ 28 ގެ ފަހުން ފުރަބަންދަށް އިތުރު ލުއިތަކެއް ދިނުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ މަޝްވަރާކުރަމުން. ނަމަވެސް ލުއިތައްދިން ކަމުގައި ވީނަމަވެސް ހާލަތު އިތުރަށްގޯސްވެ ބަލިޖެހޭ މީހުން ގިނަވާނަމަ އަލުން ފުރަބަންދަކަށް ދާންޖެހިދާނެކަމުގެ އިޝާރާތެއް ރައީސުލް ޖުމްހޫރިއްޔާ ރޭވަނީ ދެއްވާފަ.
ރާއްޖޭގަައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 4 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަޝްހޫރު ވިޔަފާރިވެރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ ޙުސައިން ޢަބްދުﷲ އޭނާގެ އަނބިކަބަލުން އާމިނަތު އާދަމާއި އިތުރު ދިވެއްސަކާއި ބަންގްލަދޭޝް ރައްޔިތަކު ހިމެނެއެވެ. މި ބަލިން މީހާތަނަށް ރާއްޖޭގައި ރަނގަޅުވެފައިވަނީ 46 މީހެކެވެ. އެއީ 32 ދިވެހިންނާއި 14 ބިދޭސީންނެވެ.