ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ އެއްވަނައިގައި ފަރަގު ބޮޑުކޮށްފިއެވެ.
މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު އެ ޓީމު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުންވެސް މޮޅުވެ ޖުމްލަ 21 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމުގައެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 6 މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.
ބާސެލޯނާއިން އެއް މެޗު އިތުރަށް ކުޅެފައިވާއިރު މިރޭ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު 3 ޕޮއިންޓަށް ކުޑަވާނެއެވެ.
ސެވިއްޔާގެ ދަނޑުގައި 41 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 19 ވަނަ މިނިޓުގައި ސެވިއްޔާގެ ޔޫސުފް ފޮފާނާ ވަނީ ލަނޑެއް ޖަހާ ބާސެލޯނާ ސިއްސުވާލާފައެވެ.
ނަމަވެސް އޭގެ 2 މިނިޓު ފަހުން ބާސެލޯނާގެ ކްރިސްޓެންސެން ދިން ޕާހަކުން ރަފީނިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ބާސެލޯނާ އިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ރަފީނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 69 ވަނަ މިނިޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ. ބާސެލޯނާގެ ފަހު ދެ ލަނޑު ޖަހަން ރަފީނީއާއަށް އެސިސްޓްކޮށްފައިވަނީ ލަމީން ޔަމާލް އެވެ.
މި މެޗުގައި ރަފީނިއާ ތިން ލަނޑު ޖަހާ ހެޓްރިކް ހެދިއިރު އޭނާ ވަނީ މިދިޔަ ބުދަ ދުވަހު ރޭސިން ސަންޓެންޑަރ އާއި ދެކޮޅަށްވެސް ހެޓްރިކް ހަދާފައެވެ. ރަގަޅު ފޯމެއްގައި މިވަގުތު ހުރި ރަފީނިއާ ވަނީ މި ސީޒަނުގައި މިހާތަނަށް ޖުމްލަ 14 ލަނޑު ޖަހާފައެވެ.