ޚަބަރު

ކޯވިޑް-19 : ބޭރުގެ އެކި އިދާރާތަކުން ރާއްޖެއަށް 290 މިލިޔަށް ޑޮލަރު


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ މާލީހާލަތުން އަރައިގަތުމަށް ހިލޭއެހީއާއި ލޯނުގެ ގޮތުގައި މިހާތަނަށް 290 މިލިޔަން ޑޮލަރު ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އިޤްތިޞާދީ މިހާލަތާއި ގުޅިގެން އެހީގެ ގޮތުގައި ކުރިން އަންދާޒާކުރި މިންވަރު ހޯދުމަށް ދަތިތަކެއް ހުރިކަމަށެވެ. ނަމަވެސް ދުނިޔޭގެ މާލީ އިދާރާތަކާއިއެކު ކުރެވޭ މަޝްވަރާތަކުން މިފައިސާ ހޯދޭނެކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބަޖެޓް ސަޕޯޓާއި، ހިލޭއެހީ ހޯދުމަކީ މިފަދަ ހާލަތެއް ކުރިމަތި ނުވިނަމަވެސް ސަރުކާރުން އަބަދުވެސް ކުރަމުންދާ މަސައްކަތެއް ނަމަވެސް މިހާލަތާއި ގުޅިގެން ފައިސާހޯދުމަކީ ގޮންޖެހުންބޮޑުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހިލޭ އެހީގެ ގޮތުގައި ފައިސާހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ ދައުލަތުން ކުރާ ޚަރަދުތައް ކުޑަކުރުންކަމަށް މިނިސްތަރ ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ޚަރަދު ކުޑަކުރުމުގެ އުސޫލުތައް ހަދައި ކަމާއި ގުޅުުންހުރި އިދާރާތަކަށް ޚަރަދުކުޑަކުރާނެ ގޮތްތަކުގެ ސަރކިއުލާތަކެއްވެސް ފޮނުވާފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމަނަށް މިހާތަނަށް އެބަހުރި ހިލޭ އެހީގެ ގޮތުގައާއި، ކޮންސެޝަނަލް އަދި ނޮންކޮންސެޝަނަލް ފައިސާގެ ގޮތުގައި 290 މިލިޔަން ޑޮލަރު ހަމަޖެހިފަ. އަދި އިތުރަށް ބޭނުންފާ ފައިސާ ހޯދުމުގެ މަސައްކަތް ހުއްޓާލުލައި މިދަނީ ކުރަމުން. މިކަމަކީ މިހާލަތު އައުމުގެ ކުރިންވެސް އަދި މިހާލަތާއި ގުޅިގެން މާބޮޑަށް އިސްކަންދީގެން ކުރަމުންދާ މަސައްކަތެއް. މިފަސާ ލިބޭނެ ކަމާއިމެދު އަޅުގަނޑުމެންނަށް ޝައްކެތްނެތް" ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓްގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 15.8 ބިލިޔަން ރުފިޔާއެވެ. ބަޖެޓަށް މިހާރު ފައިނޭންޝަލް ގެޕެއްގެ ގޮތުގައި 13.5 ބިލިޔަން ރުފިޔާ ބޭނުންވާއިރު، މިފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ރާއްޖެއަށް މިހާލަތާއި ގުޅިގެން މިހާރުވެސް ދުނިޔޭގެ މާލީ އިދާރާތަކުން ބޮޑެތި އެހީތަކެއް ދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ވޯލްޑް ބޭންކުން 10 މިލިޔަން ޑޮލަރު ލިބިފައިވާއިރު އައިއެމްއެފުން 18.9 މިލިޔަން ޑޮލަރު އަދި އޮފިޑުން 20 މިލިޔަން ޑޮލަރުގެ ލޯން އެހީ ލިބިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން މިހާރު ހުރިހާ ފޯކަސްއެއްއޮތީ ސިއްޙީ ކަންކަމަށް ހަރަދުތައް ކުރުމަށާއި، މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ޚަރަދުރަދުތައް ކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި، އާސަންދަ އާއި އެންސްޕާގެ ޙަރަދުތައް ކުރުމަށް ބޭނުންވާ ފައިސާގެ އިތުރުން ދައުލަރުގެ އެހެން ވުޒާރާތަކުން ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް މިހާލަތުގައިވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.