ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ބާރު ވަރުގަދަކުރުމަށާއި، ދެކޮޅު ފަރާތްތަކުން އެ ޖަޒީރާގައި އަސްކަރީ މަރުކަޒުތައް ބިނާކުރުން މަނާކުރުމަށް އެމެރިކާއާއި ޑެންމާކު އަދި ގްރީންލެންޑުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މި ކަން ހާމަކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިއީ ވަކި މުއްދަތެއް ނެތް ދާއިމީ އެއްބަސްވުމެއް ކަމުގައެވެ. އަދި، އެމެރިކާގެ ހުއްދައެއް ނެތި އެ ސަރަޙައްދުގައި ނާޒުކު އެއްވެސް އިންވެސްޓްމަންޓެއް ކުރުމުގެ ފުރުޞަތު ދުޝްމަނުންނަށް ނޯންނާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި ޖަޒީރާގެ މިލްކުވެރިކަން ހޯދުމަށް ޓްރަމްޕް ގެންގުޅުއްވި ތަޞައްވުރު މި އެއްބަސްވުމުން ޙާޞިލުނުވި ނަމަވެސް، މިއީ އެމެރިކާއަށް ޙަޤީޤަތަކަށް ވެގެންދިޔަ ހުވަފެނެއް ކަމުގައި ޓްރަމްޕް ސިފަކުރެއްވިއެވެ. ގްރީންލޭންޑުގައި އަސްކަރީ މަރުކަޒުތައް އެޅުމާއި ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ޙައްޤު 1951 ގެ މުޢާހަދާއަކުން ކުރިންވެސް އެމެރިކާއަށް އޮތީ ލިބިފައެވެ. ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން އެ ރަށާއި އެމެރިކާގެ ދިފާޢުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ ބާރު އަބަދަށްމެ ލިބިގެންދާނެ ކަމުގައި ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ޑެންމާކުގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ، މީގެ ސަބަބުން އުތުރު އެޓްލާންޓިކާއި އާކްޓިކް ސަރަޙައްދުގެ ރައްކާތެރިކަން ވަރުގަދަވާނެ ކަމުގައެވެ. އަދި، ގްރީންލޭންޑުގެ ބޮޑުވަޒީރު ޔެންންސް-ފްރެޑްރިކް ނީލްސެން ވިދާޅުވީ، މިއީ އެންމެންނަށް ވެސް ފައިދާހުރި ނިންމުމެއް ކަމުގައެވެ. ނަމަވެސް، އައު މަރުކަޒުތައް ބިނާކުރާނެ މިންވަރެއް އަދި ސާފެއް ނުވެއެވެ. އަމިއްލަ މިނިވަންކަމަށް އެދޭ އެ ޖަޒީރާގެ ރައްޔިތުން މި އެއްބަސްވުން ބަލައިގަންނާނެ ގޮތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ، މިއީ އެ ޤައުމުގެ ސަލާމަތީ ކަންބޮޑުވުންތަކަށް ލިބުނު ދާއިމީ ޙައްލެއް ކަމުގައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) މެންބަރު ނޫން ޤައުމުތަކުން ގްރީންލެންޑުގައި އަސްކަރީ މަރުކަޒުތައް ހެދުން މަނާކުރާނެ ކަމުގައެވެ. އަދި، ކުރިއަށް އޮތް ތަނުގައި ގްރީންލެންޑަށް ފުރިހަމަ މިނިވަންކަން ލިބުނު ކަމުގައި ވިޔަސް، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރާއި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ޙައްޤު އެމެރިކާއަށް ދާއިމަށް ލިބިގެންވާނެ ކަމުގައި ވެސް އެ އޮފިޝަލް ފާހަގަކުރެއްވިއެވެ.