ކ.ހިންމަފުށި ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހިންމަފުށީ ކައުންސިލުން ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މުޖުތަމުގެ އެކި ތަންތަނުން ނަގަމުންދާ ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުގައި ތިބި ބައެއް މީހުންގެ ސާމްޕަލްތައް ނަގާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 3 މީހެއްގެ ނަތީޖާ ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭއިން އެރަށު ކައުންސިލަށް އަންގަވާފައިވާކަމަށެވެ.
ހިންމަފުށި ރިހެބިލިޓޭޝަން ސެންޓަރަކީ އެތަނުން ފަރުވާ ހޯދަމުންދާ މީހުން ކޮންމެ ދުވަހަކުވެސް ވަދެނިކުމެ އުޅޭތަނެއްކަމުން އެމީހުންނަށް އެ ބަލި ޖެހުނު ގޮތެއް އަދި ސާފެއް ނުވެއެވެ. އެޗްޕީއޭއާއި ކަމާއިގުޅުންހުރި ފަރާތްތަކުން މިހާރުދަނީ ސެންޓަރުގައި ތިބި މީހުންނަށް ބަލިޖެހުނު ގޮތް ހޯދައި، އެމީހުންނާއި ކޮންޓެކްޓްވި މީހުން ދެނެގަނެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިހާރު ހިންމަފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ހިންމަފުށި ރިހެބަކީ 170 މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ސެންޓަރެކެވެ. މިސެންޓަރުގައި މިހާރުވެސް ގިނަބަޔަކުދަނީ ފަރުވާ ހޯދަމުންނެވެ.
ހިންމަފުށި ރިހެބުން ކޯވިޑް-19-ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެެސެންޓަރުވަނީ ޚާއްސަ ހާލަތަށް ގެނެސްފައެވެ. އަދި މިގޮތަށް ގިނަ ބަޔަކަށް ފަރުވާދޭ ތަންތަނަށް ޚިދުމަތް ހޯދުމަށް ދާ މީހުންނާއި ފަރުވާ ހޯދާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތައްވެސް ދަނީ އަޅަމުންނެވެ. ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1000 އާއި ގާތްކުރާއިރު ކުރިއަށް އޮތް ދެހަފްތާއަކީ ކޯވިޑްގެ އެންމެ ނުރައްކާތެރި ދެހަފްތާކަމުގައި އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.