ޚަބަރު

ބޯކޮށް ވާރޭވެހި އައްޑޫސިޓީގައި ފެންބޮޑުވެ ގެތަކަށް ފެންވަދެއްޖެ


ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑު ބައެއް ގެތަކަށް ފެންވަދެއްޖެއެވެ.

އައްޑޫ ސިޓީގެ ކައުންސިލް އިދާރާއިން ވިދާޅުވީ ވިއްސާރައިގެ ސަބަބުން އެ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެންބޮޑުވެފައިވާކަމަށެވެ. އަދި މިހާރުވެސް ހުއްޓާނުލާ ބޯކޮށް ވާރޭވެހެމުން އަންނަކަމަށާއި މަގުތަކުގައި ފެން ހެދި ގިނަ އަދަދެއްގެ ގެއަށް ފެންވަދެފައިވާކަމެށެވެ. ސިޓީ ކަައުންސިލުން ވިދާޅުވީ ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލ އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދަށް ވަނީ މިއަދު ހެނދުނު 10 - މެންދުރު 2 ޖެހުމާ ހަމަޔަށް ޔެލޯ އެލަރޓް ނެރެފައެވެ. އަދި މި އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވަރެވެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރައްވައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މުޅި ރާއްޖެއަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ދެކުނުގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެއެވެ. އަދި ބޯކޮށް ވާރޭވެހި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ ިއދާރާއިން ވިދާޅުވެއެވެ. އަދި މެދުތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

މޫސުމަ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައިި ވައިޖެހޭނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. އަދި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤަަައުމީ އިދާރާއިން ވިދާޅުވެއެވެ.

ދެކުނުގެ އަތޮޅުތަކުގައި ކަނޑުތަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެ ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ. އެހެންކަމުން ކަނޑު ދަތުރު ކުރާ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.