ވިޔަފާރި

މީރާއިން އޯޕަންޑޭއެއް ބާއްވާއިފި


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ފޯރުކޮށްދޭ ހިދުމަތްތަކާއި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް އޯޕަންޑޭ
ހަރަކާތެއް ފަށައިފިއެވެ.



މީރާއިން ބުނީ މި އޯޕަންޑޭ ހަރަކާތަކީ މީރާގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޓެކްސް ވީކުގެ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށެވެ.  މި އޯޕަންޑޭ ކުރިއަށްދިޔައީ މިއަދު ހެނދުނު ނުވަގަޑި ތިރީހުން ހަވީރު ފަހެއް ޖެހުމާއި ހަމައަށް ކަމަށް މީރާއިން މައުލޫމާތުދެއެވެ. 
މީރާ އިން ބުނީ އޯޕަންޑޭއަށް ޒިޔާރަތްކުރި ފަރާތްތަކަށް މީރާގެ އެކި ޑިޕާޓްމަންޓްތަކުން ކުރާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން އެ ފަރާތެއް ކިޔަވަމުންދާ ނުވަތަ ކިޔަވާފައިވާ ދާއިރާއިން ކުރިއަށް ދިއުމަށް މީރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދިނުމާއި އެކު ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިންކަމަށްވެސް  މީރާ އިން ބުނެއެވެ.  



މީރާގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޓެކްސް ވީކުގައި
ސްކޫލް ކުދިންނަށް އަމާޒްކޮށްގެން ޕްރެޒެންޓޭޝަންތައް ދިނުމާއި، ލޭ ހަދިޔާ
ކުރުމުގެ ޕްރޮގްރާމެއް ހިންގުމުގެ އިތުރަށް އަންނަ ހޮނިހިރު ދުވަހު ކުޑަކުދިންގެ
ބަގީޗާގައި ވަރަށް ޙާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ރާވާފައިވާ ކަމަށް
މީރާ އިން ހާމަކުރެއެވެ.