ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު ކަރަންޓީން ފެސިލިޓީތައް ޤާއިމްކޮށް މާލެސަރަހައްދުގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން އެތަންތަނަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެކުލަވާލާފައިވާ ޓާސްކްފޯހުން ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު އަންނަ ހަފްތާގައި އިތުރު ފެސިލިޓީ ޤާއިމްކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީން އެ ތަންތަނަށް ބަދަލުކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި މި ފެސިލިޓީތައް ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ޤާއިމް ކުރުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.
ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އެންމެ ބޮޑު ކްލަސްޓަރއަކީ ބާޒަރުމަތީގެ ވިޔަފާރިތަކާއި ގުޅުންހުރި ކްލަސްޓަރކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ބައެއް ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީން ނިދާ ތަންވެސް ނޭނގޭ ކުންފުނިތައް އެބަހުރިކަމަށެވެ. ނަމަވެސް މިހާރު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާތީ ގުޅިފަޅާއި ވިލިވަރު އަދި ހުޅުމާލޭގައި ބިދޭސީންނަށް ޚާއްޞަ އެކޮމޮޑޭޝަން ފެސިލިޓީތައް ޤާއިމްކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެތަންތަނަށް ބިދޭސީން ބަދަލުކުރާއިރު އިޖްތިމާޢީ ގައިދުރުކަމަށް އިސްކަންދެއްވާނެކަމަށާއި، އެމީހުންގެ އިންސާނީ ޙައްޤަށާއި އެމީހުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށްވެސް އިސްކަން ދެއްވާނެ ކަމަށެވެ. އަދި އެ ފެސިލިޓީތަކަކީ މިހާރު ބިދޭސީން ދިރިއުޅޭ ހާލަތަށްވުރެ ރަނގަޅު ތަންތަނަށްވާނެކަމުގެ ޔަޤީންކަން މިނިސްޓަރދެއްވިއެވެ.
"އަޅުގަނޑުމެން ނިންމާފއިވަނީ މި ސަރަހައްދުގެ ބިދޭސީންނަށް ފެސިލިޓީ ޤާއިމްކުރުމަށް ގުޅިފަޅު، ވިލިވަރު ހުޅުމާލޭ އެކޮމޮޑޭޝަން ޑޮކްޓަރުންގެ ލަފައާއެކު ގައިދުރުކަން ބަހައްޓާ މާލެއިން ބޭރަށް ގެންދިއުމަށް . އަދި ބަދަލުކުރެވޭއިރު އިންސާނީ ހައްގަށާއި އެމީހުންގެ ހައްގަށް ބަލާނަން. މިހާރު މާލޭގައި އުޅޭ ހާލަތަށްވުރެ ރަނގަޅުކުރާނަން." މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ޤާއިމްކޮށްފައިވާ އައިސޮލޭޝަން އަދި ކަރަންޓިން ފެސިލިޓީތަކަކީ ޤާނޫނީގޮތުން ބަންޑާރަ ނާއިބުގެ ލަފައާއިއެކު 3 މަސް ދުވަހަށް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަންތަން ކަމަށެވެ. އަދި ކޮންމެ ފެސިލިޓީއެއްގައި ސިފައިންނާއި ފުލުހުން އަދި މެޑިކަލް ޓީމްތައް ތިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންމެ ފެސިލިޓީއަކުންވެސް އޯގާތެރިކަމާއެކު ޚިދުމަތްދިނުމަށް ސަރުކާރު އޮތީ ތައްޔާރަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ހުޅުމާލޭގައި ޤާއިމްކުރާ ކޯވިޑް ވިލެޖު ޤާއިމްކޮށް ނިމިފައިވާއިރު، ހުޅުމާލޭގެ ފޭސް 2 ގައި ޤާއިމްކުރާ ފެސިލިޓީވެސް މިހާރު ނިމިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިހާތަނަށް 16އަށްވުރެ ގިނަ ފެސިލިޓީ ސަރުކާރުން ވަނީ ޤާއިމް ކޮށްފައެވެ.