ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ އަދި މާލީގޮތުން އަންނަ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ދައުލަތުގެ ދަރަންޏަށް ޒިންމާވާ ޤާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުވާފައިވާ މައްސަލައާއިމެދު މާދަމާ ގޮތެއް ނިންމަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރަށް ދިގުމުއްދަތަކަށް ދަރަނި ނެގޭނެގޮތް ހެދުމަށް ދައުލަތަށް ދަރަންޏަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް 4.4 މިލިއަން ރުފިޔާ ނެގުމަށް މަޖިލީހުގެ ހުއްދައަށް ފިނޭންސް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. މަޖިލީހުގެ ރައީސް ވަނީ މި މައްސަލަ ބަޖެޓް ބަހުސް ކުރިއަށްދާ އުސޫލުންކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓަރ އެދިވަޑައިގެންފައިވާ އިސްތިސްނާގެ ހުއްދައަށް އެދެވޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ވީނަމަވެސް، މިއީ މަޖިލީހުގައި މުޅިން އަލަށް ކުރެވޭ ކަމެއްކަމަށެވެ. އެހެންކަމުން މައްސަލައަށް ބަހުސް ކުރައްވަން އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް އެ ފުރުސަތު ދެއްވަން ގަސްތު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ހުރިހާ މެންބަރުންނަށް ފުރުޞަތުދީ ބަހުސް މަރުހަލާ ނިންމާ މުޅި މަޖިލީހުގެ ކޮމިޓީއަށް މައްސަލަ ފޮނުވޭނެކަމަށާއި، މާދަމާ ވޯޓަށް އެހޭނެކަމަށް ލަފާކުރައްވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"އުއްމީދަކީ މި މައްސަލައިގެ ކޮމިޓީއަކީ މުޅި މަޖިލީހުގެ ކޮމިޓީއަށްވެ އެ ކޮމިޓީގައި މިމައްލަސަ އަޅުގަނޑުމެންނަށް ނިންމޭނެކަމަށް." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މި މައްސަލައަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ ފިނޭންސް މިނިސްޓަރ އެދިވަޑައިގެންވިގޮތަށް (އެމްއެމްއޭ)އިން ސަރުކާރަށް ދިގުމުއްދަތަކަށް ދަރަނި ނެގޭނެގޮތް ހެދުމަށް ދައުލަތަށް ދަރަންޏަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް އެ ހުއްދަ ދެއްވުމަށެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ، 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާޞްކުރާގޮތަށް، އެއިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށްނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގައިކަމަށެވެ. މިގޮތުން ފައިސާ ނެގޭނީ، ވޭތުވެދިޔަ ތިން އަހަރުގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ %1 އަށްވުރެ އިތުރުނުވާނޭ ގޮތެއްގެމަތިންކަމަށްވެސް ޤާނޫނުގައިވެއެވެ.
އަދި ދައުލަތުން ދަރަންޏަށް ފައިސާ، ނަގަންވާނީ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކަށާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނިކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ދަރަނި އަދާކުރުމަށްޓަކައި، ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމުގެ ބޭނުމަށްޓަކައި، ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް، މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގިދާނެކަމަށްވެސް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.