ޚަބަރު

ކޯވިޑް-19 : ޖުލައި މަހު އޮންއެރައިވަލް ވިސާ ދޫކުރަން ފެށޭނެކަމަށް ލަފާކުރެވޭ - މިނިސްޓަރ އަމީރު


ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ހާލަތަށް ބަލާއިރު ފަތުރުވެރިކަމަށް ދޫކުރާ އޮންއެރައިވަލް ވިސާ ޖުލައިމަހުގެ ތެރޭގައި ދޫކުރަން ފެށޭނެކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.

ޖުލައިމަހު ކޮންމެވެސްވަރަކަށް އޮންއެރައިވަލް ވިސާ ދޫކުރަން ފެށޭނެކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްއޭއިން ކުރި ދިރާސާއާއި މަޝްވަރާތަކަށްފަހުއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާފައިވުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް %50 ދަށްވާނެކަމަށެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.7 މިލިއަން ފަތުރުވެރިންގެ ނިސްބަތުން ބަލާއިރު، ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް މިހާރު ދިމާވެފައިވާ ހާލަތަށް ރިޔާއަތްކޮށް މިއަހަރު ރާއްޖެ ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައިވަނީ ގާތްގަނޑަކަށް އަށްލައްކަ ސާޅީސްފަސްހާސް ފަސްސަތޭކަ ސާޅީސް ހަ ފަތުރުވެރިންކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިއާއެކު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގަނޑު ނުވަތަ ބެޑް ނައިޓްގެ ނިސްބަތް 39 އިންސައްތަ ދަށްވާނެކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. ނަމަވެސް ބަލީގެ ހާލަތު އެންމެ ގޯސްވެގެންދާ ހާލަތުގައި އިތުރު ފަތުރުވެރިއެއް ރާއްޖެ ނާންނާނެކަމަށްވެސް ލަފާކޮށްފައިވެއެވެ. ރާއްޖެއިން ދެމުންއައި އޮންއެރައިވަލް ވިސާ ހުއްޓާލުމާއި ހަމައަށް ރާއްޖެއަށް އައިސްފައިވަނީ ތިންލައްކަ އަށްޑިހަ ދެހާސް ހަސަތޭކަ ހަތްދިހަ އަށް ފަތުރުވެރިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިވާތީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތްވެސް ވަނީ 11.5 އިންސައްތައަށް ދަށްވާނެކަމަށް ލަފާކޮށްފައެވެ. ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ 50 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމެވެ.

"ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ދަށްވާނެކަމަށް ލަފާކުރެވޭތީ ޖުމްލަކޮށް ޤައުމީ އުއްފެއްދުންތެރިކަން ދަށްވާނެކަމަށް ބެލެވޭ.' މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން ރާއްޖެއިން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.