ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ހަރަކާތްތެރިވާ ސިއްޙީ ޚިދުމަތްތެރިންނަށް ބޭނުންވާ ގިނަ ޢަދަދެއްގެ ސާމާނު ބަނގްލަދޭޝްއިން ރާއްޖެ ގެނެސްފިއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ބަނގްލަދޭޝްއިން ގެނައި ސިއްޙީ ވަސީލަތްތައް ބޯޓުން ބާލާނެކަމަށެވެ.
އެޤައުމުން ގެނައީ ސިއްޙީ ސާމާނުގެ ތެރޭގައި ހިމެނެނީ ވިހިހާސް ޕާރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓް (ޕީޕީއީ)އާއި، 960 އައިގޮގްލް ނުވަތަ މޫނު ނިވާކުރާ ސާމާނާއި، ފަސްހާސް އަންގިއެވެ. މީގެ އިތުރުންވެސް ގިނަ ޢަދަދެއްގެ ބޭހާއި ތަރުކާރީއާއި މޭވާވެސް ހިމެނޭކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ހުރި ކޯވިޑް-19އަށް ޓެސްޓްކުރަން ބޭނުންކުރާ ކިޓްގެ ޢަދަދަކީ 3050 ކަމަށާއި، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އިތުރު ފަސްހާސް ޓެސްޓް ކިޓް ލިބޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ވަނީ 84 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި ޕްރޮބަބިލިޓީ ކޭސް ނުވަތަ ނަތީޖާ ކަށަވަރުނުވާ ދެމީހުން އެބަތިއްބެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންނާއި ގުޅުންހުރި 196 ތަނެއް މޮނިޓަރިންގެ ޙާލަތަށް ވަނީ ގެންގޮސްފައެވެ. ކަރަންޓީން ފެސިލިޓީތަކުގައި 1286 މީހަކު އެބަހުއްޓެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 160 މީހަކު އެބަތިބިކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ޢާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކައެވެ.