ވިޔަފާރި

2 ވަނަ ކުއަރޓާގައި މީރާ އަށް 3.14 ބިލިއަން ރުފިޔާގެ އާމްދަނީއެއް


މިއަހަރުގެ 2 ވަނަ ކުއަރޓަރގައި މީރާ އަށް 3.14 ބިލިއަން ރުފިޔާގެ
އާމްދަނީއެއް ލިބިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ 2ވަނަ ކުއަރޓަރ ގައި މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނު 2.90 ބިލިއަން ރުފިޔާ އާއި
އަޅާބަލާއިރު %8.2 އިތުރު އަދަދެކެވެ.



މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ،
މީރާ އިން އާއްމުކޮށްފައިވާ އެ އޮތޯރިޓީގެ 2 ވަނަ ކުއަރޓަރގެ މާލީ ހިސާބްތައް
ދައްކާގޮތުން މިދިޔަ އަހަރުގެ 2 ވަނަ ކުއަރޓަރ އާއި އަޅާބަލާއިރު ލިބިފައިވާ
އާމްދަނީގެ އަދަދު އިތުރުވެފައިވީ ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއަރޓަރ އާއި
އަޅާބަލާ އިރު  2 ވަނަ ކުއަރޓަރގައި މީރާއަށް ލިބުނު އާމްދަނީގެ އަދަދުވަނީ
ދަށްވެފައިއެވެ.



އެގޮތުން މި އަހަރުގެ ފުރަތަމަ
ކުއަރޓަރގައި މީރާއިން ބަލައިގަނެފައިވާ
އާމްދަނީގެ އަދަދަކީ  3.72 ބިލިއަން
ރުފިޔާ، މިއީ މިއަހަރުގެ 2 ވަނަ ކުއަރޓަރގައި މީރާއިން ބަލައިގަނެފައިވާ ފައިސާގެ
އަދަދާ އަޅާބަލާ އިރު % 15.7 ދަށް އަދަދެކެވެ.



2 ވަނަ
ކުއަރޓަރގައި މީރާއަށް
އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. އެގޮތުން ދެވަނަ
ކުއަރޓަރގައި ޖީއެސްޓީގެ ގޮތުގައި  1.57 ބިލިއަން ރުފިޔާ
ބަލައިގެންފައިވާ އިރު އެއީ 2 ވަނަ ކުއަރޓަރގެ ޖުމްލަ އާމްދަނީގެ % 50 އެވެ. މީރާއަށް ދެން އެއްމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީގެ
ގޮތުގައި، ޖުމްލަ އާމްދަނީގެ %15 އަކީ ބީޕީޓީއިން ލިބިފައިވާ
އާމްދަނީ ކަމަށްވާ އިރު، އެއީ 496.07 މިލިއަން ރުފިޔާއެވެ.