ޚަބަރު

އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 30.8 ބިލިޔަން ރުފިޔާ


  • މިދިޔަ އަހަރާ އަޅާ ބަލާއިރު %1.8 އިތުރު

މިއަހަރުގެ ފުރަތަމަ 9 މަސް ދުވަސްތެރޭ ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 30.8 ބިލިޔަން ރުފިޔާއަށް ލިބިފައިވާ ކަމަށް ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.8 އިންސައްތަ އިތުރު އަދަދެކެވެ.

މާލީ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާގޮތުން ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 22.5 ބިލިޔަން ރުފިޔާއިން 23.8 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މާލީ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފުތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޓީ.ޖީ.އެސް.ޓީ އިންނެވެ.

ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީ އިންނެވެ. އެއީ 8.0 ބިލިޔަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.4 އިންސައްތައިގެ ދަށްވުމެކެވެ. އަހަރުން އަހަރަށް ބަލާއިރު ކުޑަ ދަށްވުމެއް އައި ނަމަވެސް، ހަފުތާގެ ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޓީޖީއެސްޓީ އިންނެވެ. މީގެ އިތުރުން، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ، 1.5 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުން ވެސް ވަނީ ކުރިއެރުން ހޯދާފައެވެ. އެގޮތުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.2 އިންސައްތަ އިތުރުވެ 5.7 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އިމްޕޯޓް ޑިއުޓީ ވަނީ 11.4 އިންސައްތަ އިތުރުވެ 2.5 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 35.4 ބިލިޔަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 30 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 18.2 އިންސައްތައިގެ އިތުރުވުމެކެވެ. ހިންގުމުގެ އެހެނިހެން ހަރަދުތައް ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. އިދާރީ އަދި ހިންގުމުގެ ހަރަދުތައް 23.8 އިންސައްތަ އިތުރުވެ 18.5 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީ އާއި ސަބްސިޑީއަށް ކުރި ހަރަދު ވަނީ 44.3 އިންސައްތަ އިތުރުވެ 10.1 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗާ ވަނީ 15.9 އިންސައްތަ އިތުރުވެ، 4.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށެވެ. އެގޮތުން ބިމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 34.1 އިންސައްތަ އިތުރުވެ 1.453 ބިލިޔަން ރުފިޔާއަށް، ބަނދަރު ހެދުމަށް ކުރި ހަރަދު 38.4 އިންސައްތަ އިތުރުވެ 333 މިލިއަން ރުފިޔާއަށް، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ހަރަދު 37.5 އިންސައްތަ އިތުރުވެ 945 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ހަރަދު ވެސް ވަނީ 19.6 އިންސައްތަ އިތުރުވެފައެވެ.