ޚަބަރު

ކޯވިޑް-19 : މިއީ އެއްބައިވަންތަކުގެ ނަމޫނާ ދައްކަންވީ ވަގުތު


ހަލުވިކަމާއިއެކު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާތެރިކަން މިއަދު ރާއްޖޭގެ މުޖުތަމައަށްވެސް ނުރައްކާތެރި މިންވަރަކަށް ކޮށްފައެވެ. މިނާޒުކު، ހިތްދަތި ދަނޑިވަޅުގައި އެންމެ މުހިންމީ މުޖުތަމައުގެ އެއްބައިވަންތަކާއި އެކުވެރިކަން އިސްކޮށް ބައިބައިވުމާއި ހަސަދަވެރިކަމުން ދުރުހެލިވުމެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލަމީ ޤައުމެކެވެ. ޒަމާނުއްސުރެ އެއްބައިވަންތަ މުޖުތަމަޢެކެވެ. މިފަދަ ޚުޠޫރަތްތެރި ދަނޑިވަޅެއްގައި އެ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރެންޖެހެއެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ބާރުއަޅަނީވެސް މިފަދަ ރީތި ސިފަތަކަށެވެ. މިއީ ކޯވިޑް-19ފަދަ ބޮޑު ބަލިމަޑުކަމަކުން އަރައިގަތުމަށް ކެތްތެރިކަމާއި ޙިކުމަތްތެރިކަން އިސްކޮށް، ﷲގެ މަދަދާއި ރަޙްމަތަށް އެދި ދުޢާކުރަންވީ ވަގުތެވެ.

މިދަނޑިވަޅުގައި މަދުން ނަމަވެސް މުޖުތަމައުގައި އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަކޮށް އަމިއްކަ ޒާތީ އެދުންތައް އިސްކޮށް މުޅި މުޖުތަމަޢަށް ގެއްލުންހުރި ޢަމަލުތައް ބައެއް މީހުން ހިންގާކަމީ ހިތާމަހުރިކަމެކެވެ.

މިޙާލަތަކީ އެއްވެސް މީހަކު އަދި އެއްވެސް ބަޔަކު އަމިއްލަޔަށް ހޯދައިގެން އުޅޭ ޙާލަތަކަށް ނުވާއިރު މިކަމާމެދު ފުންކޮށް ވިސްނާލަންޖެހެއެވެ. މިބަލިމަޑުމަކަކީ މީސްތަކުގެ މައްޗަށްއޮތް ބޮޑު އިމްތިހާނެކެވެ. މި އިމްތިހާނުން ނަޖާވެވޭނީ ނޭދެވޭ ނުރަނގަޅު ހުރިހާ އާދަތަކެއް ދޫކޮށް، ރީތި އަޚްލާގާއި އިންސާނިއްޔަތުކަން ދައްކައިގެންނެވެ.

ދިވެހިންނަކީ މިފަދަ ކޮންމެ ހިތްދަތި އުދަނގޫ ދަނޑިވަޅުތަކުގައިވެސް އެއްބައިވަންތަކަމާއެކު ނަމޫނާ ދައްކާފައިވާބައެކެވެ. އެކަކަށްލިބޭ ކޮންމެ ކޮންމެ ހިތާމައަކީ މުޅި މި މުޖުތަމައަށްލިބޭ ހިތާމައެކެވެ. ކޮންމެ އާއިލާއަކަށް، ކޮންމެ ރަށަކަށް، ކޮންމެ ފަރުދަކަށް ލިބޭ ދެރަޔަކީ މުޅި މުޖުތަމައަށްލިބޭ ދެރައެކެވެ. ދިވެހިންނަކީ މިރީތި އާދަތަކާއި، މިރީތި ސިފަތަކުގެ އަހުލުވެރިންނެވެ.

މިހާރު މިއޮތީ އެނަމޫނާ ދައްކަންޖެހޭ ވަގުތު އަނެއްކާވެސް ކުރިމަތިވެފައެވެ. އެކުވެރިކަމާއި އިޚްސާންތެރިކަން އިސްކޮށް ފަރުދީ ޒިންމާ އަދާކުރުމަކީ ކޮންމެ މީހެއްގެވެސް މިއަދުގެ ޤައުމީ ޒިންމާއެކެވެ.