ޚަބަރު

ރަމަޟާން މަހު ސައޫދީގައި ތަރާވީޙު ނަމާދު ޖަމާއަތުގައި ނުކުރާނެ


ކުރިއަށް އޮތް ރަމަޟާންމަހު ޖަމާޢަތުގައި ތަރާވީސް ނަމާދު ނުކުރާގޮތަށް ސަޢުދީ ޢަރަބިއްޔާއިން ނިންމައިފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބުނީ މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުން ކޯވިޑް-19 ފެތުރުމުގެ ބިރު އޮޮތްހާ ދުވަހަކު އުވާނުލާނެކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރަމަޟާން މަހު ގޭގައި ނަމާދުކުރަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންވަނީ ގޮވާލާފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ ވުޒާރާގެ އެނގުމާ އެއްގޮތަށް މައްޔިތުންގެ ޖަނާޒާތަކުގައިވެސް މިހާރު ބައިވެރިވެވެނީ މައްޔިތާގެ ޢާއިލާގެ 5 ނުވަތަ 6 މީހުންގެ ޖަމާޢަތަކަށެވެ. ހެޔޮއެދޭ އެހެން ފަރާތްތަކުން ގޭގައި ކަށުނަމާދުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އިރުޝާދުދީފައެވެ.

ކޯވިޑް-19 އާއި ދެކޮޅަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުންވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ސަޢުދީ ޢަރަބިއްޔާގައި އިޢުލާނުކޮށްފައިވާ ފުރަބަންދުވެސް އެޤައުމުގެ ސަރުކާރުންވަނީ މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފައެވެ.

އެޤައުމުން އެޅި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ބޮޑެތި ސަރަޙައްދުތަކުގައި 24 ގަޑިއިރުގެ ކާފިއުއެއް އިޢުލާންކުރުމާއި ޢުމްރާގެ އަޅުކަންކުރުން މެދުކަނޑާލުމާއި ބައިނަލްއަޤްވާމީ ފްލައިޓުތައް އެޤައުމަށް އައުން ހުއްޓުވުމާއި ޢާންމުތަންތަން ބަންދުކުރުން ހިމެނެއެވެ

ސަޢުދީ ޢަރަބިއްޔާގައި 4000އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި މަރުވި މީހުންގެ ޢަދަދު ވަނީ 59 އަކަށް އިތުރުވެފައެވެ. މިޢަދަދުތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.