ޚަބަރު

ތޮއްޖެހިފައިވާ ތަންތަނުން ބިދޭސީން ނެރެން ފަށައިފި


ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން ހުޅުމާލޭގައި އަލަށް ޤާއިމުކުރި ބައެއް ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ތޮއްޖެހިފައިވާ ބިދޭސީން ތިބި ތަންތަން ބަލާ އެމީހުން ބަދަލުކުރުމުގެ މަސައްކަތް މިއަދު ހެނދުނު ހެނދުނާ ފަށާފައިވާކަމަށެވެ. މިގޮތުން ބައެއް ތަންތަނަށް ގޮސް އެތަންތަނުގައި ތިބި ބިދޭސީން ހުޅުމާލެއަށް ގެންގޮސް ރަޖިސްޓްރީ ކުރުމުގެ ،މަސައްކަތް ކުރަމުން އަންނަކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދަނީ ފުލުހުންނާއި ސިފައިންނާއި މާލެސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެކުކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ރޭ ދާޅުވީ މާލޭގައި ދަތި ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން އެއަށްވުރެ ރަނގަޅު ފެންވަރުގެ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެމްއެންޑީއެފާއި އިމިގްރޭޝަނާއި މާލޭ ސިޓީކައުންސިލް ގުޅިގެން މިއަދު ފަށާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްގެތެރޭގައި ދޮޅުހާހާއި ގާތްކުރާ ޢަދަދަކަށް ބިދޭސީން ބަދަލުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މާދަމާ ފަށާނަން މާލޭގައި ވަރަށް ހާލަތު ގޯސްގޮތްހުރި ތަންތަނުން އެހެނިހެން ދިމަދިމާލަށް ބަދަލުކުރަން. ކުރިޔަށްއޮތް ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ލަފާކުރެވެނީ ދޮޅުހާހެއްހާ މީހުން މި ދިމާތަކުން އެހެން ދިމަދިމާތަކަށް ގެންދެވޭނެކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަން ތޮއްޖެހިގެން، ކުރިއަށްއޮތް ދެމަސްދުވަހުގެ ތެރޭގައި ހުޅުމާލެއާ ގުޅިފަޅަށް 5000 މީހުން ބަދަލުކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މާލޭގެ އެކި ތަންތަނުގައި އެކަށީގެން ނުވާވަރަށް ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުން މީހުން މަދުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މިހާތަނަށް ސަރުކާރުން ވަނީ އެފަދަ 14 ތަނެއް ފާހަގަކޮށް އެތަންތާ ދިރިއުޅޭ ބިދޭސީން ވަގުތީގޮތުން ހުޅުމާލެއާއި ގުޅީފަޅުގައި ހުރި ބައެއް ޢިމާރާތްތަކަށް ގެންދިއުމަށް ނިންމާފައެވެ.

މިނިސްޓަރ ފައްޔާޟް ވަނީ ބިދޭސީން ތޮއްޖެހޭ މައްސަލައަށް ދާއިމީ ޙައްލެއްގެނައުމަށް މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރާއިރު އެތަނުގެ ވަކި ސަރަހައްދެއްގައި ބިދޭސީ މަސައްކަތުމީހުންނަށް ޚާއްސަ ވިލެޖެއް ހަދާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.