ޚަބަރު

ކޯވިޑް-19ގެ ނުރައްކާ އެންމެ ބޮޑީ ފިރިހެނުންނައްތަ؟


ދުނިޔޭގެ 209 ޤައުމަކާއި ސަރަޙައްދަކުން ދޮޅު މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި، 85،000 މީހުންވަނީ މަރުވެފައެވެ. ގޮތް ނޭންގޭ ބަލިމަޑުކަމެއް މުޅި ދުނިޔޭގައި ފެތުރެންފެށުމުން އެކަމާގުޅޭ މަޢޫލޫމާތު އެއްކޮށް ގިނަ ދިރާސާތަކެއް ކަމުގެ މާހިރުންދަނީ ކުރަމުންނެވެ.

އެފަދަ ދިރާސާއަކުންވަނީ ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށްކުރަނީ ފިރިހެނުންނަށްކަން ހޯދައިފައެވެ. އެދިރާސާއިން ދެއްކި ގޮތުގައި ކޯވިޑް-19 ޖެހޭ މީހުންގެ 52.9 އިންސައްތައަކީ ފިރިހެނުންނެވެ. އެދިރާސާ އެކުލަވާލާފައިވަނީ ކޯވިޑް-19 ޖެހުނު 127,700 މީހުންގެ މަޢުލޫމާތު އެއްކުރުމަށްފަހުއެވެ.

އެދިރާސާއަށް ބާރުދިނުމަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި އިޓަލީވިލާތުގެ ތަފާސްހިސާބުތައް ހިމެނެއެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީ އިޓަލީވިލާތަށެވެ. އަދި ކޯވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީވެސް އިޓަލީވިލާތުގައެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި ބަލިމަޑުކަމުގެ ސަބަބުން އިޓަލީވިލާތުގައި އެންމެ ފުރަތަމަ މަރުވި 14،860 މީހުންގެ ތެރެއިން 68 އިންސައްތައަކީ ފިރިހެނުންނެވެ.

ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރުނު ޗައިނާއިންވެސް އުފެދިފައިވާ ސުވާލަށް ޖަވާބުތަކެއް ލިބެއެވެ. އެގޮތުން ޗައިނީސް ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަނުން އެކުލަވާލި ރިޕޯޓެއްގައި ބުނާގޮތުގައި އަންހެނުންނަށްވުރެ ފިރިހެނުންނަށް ކޯވިޑް-19ގެ ނުރައްކާ ބޮޑެވެ. އެގޮތުން، ބަލިމަޑުކަމުގައި ފިރިހެނުން މަރުވުމުގެ ފުރުޞަތު 1.1 އިންސައްތަ މައްޗެވެ.

އިނގިރޭސިވިލާތުގެ ވާރވިކް މެޑިކަލް ސްކޫލުގެ މާހިރެއްކަމަށްވާ ޖޭމްސް ގިލް ވިދާޅުވާގޮތުގައި އަންހެނުންނަށްވުރެ ފިރިހެނުންނަށް ކޯވިޑް-19ގެ ބޮޑުކަން ދައްކުވާދޭ ހެކިތައްދަނީ އިތުރުވަމުންނެވެ. އެގޮތުން ފިރިހެނުންގެ ކިބައިން ފެންނަ އަލާމަތްތައްވެސް އިތުރުވެ، ނުރައްކާތެރި ފައްތަރަކަށް މީހާ ވައްޓާލާކަން ދެނެގަނެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅޭ ގިނަ ސުވާލުތަަކަކަށް އަދިވެސް ޖަވާބެއް ނުލިބެއެވެ. އަދި ބަލިމަޑުކަމުގެ ނުރައްކާ ފިރިހެނުންނަށް ބޮޑުވާ ސަބަބާ ގުޅިގެންވެސް ގިނަ ސުވާލުތަކެއްވަނީ އުފެދިފައެވެ.

ކޯވިޑް-19ގެ ނުރައްކާ ފިރިހެނުންނަށް ބޮޑުވާ ސަބަބުތަކާގުޅޭގޮތުން ޞިއްހީ މާހިރުން ބުނަނީ އޭގައި ގިނަ ކަންތައްތަކެއް އެކުލެވިގެންވާކަމަށެވެ. އޭގެ ތެރޭގައި ފިރިހެނުންގެ އާދަތަކާއި ވައްޓަފާޅި މުހިންމު ދައުރެއް އަދާކުރެއެވެ.

ޞިއްހީ މާހިރުން ބުނާގޮތުގައި އަންހެނުންނަށްވުރެ ފިރިހެނުން އަމިއްލަ ހަށިގަނޑަށް ބަލާމިންވަރު ކުޑައެވެ. އެގޮތުން، އަމިއްލަ ސާފުތާހިރުކަމާއި އަތްދޮވުންފަދަ އާދަތައް ފިރިހެނުންގެ ކިބައިގައި އަށަގަނެފައިވަނީ މަދުންކަމަށް މާހިރުން ބުނެއެވެ. އަދި ފަލަވުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ ނުބައި އާދަތައް އެންމެ ބޮޑަށް އަށަގަނެފައިވަނީވެސް ފިރިހެނުންގެ މެދުގައިކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

އެގޮތުން ގިނަ ޤައުމުތަކުގައި އަންހެނުންނަށްވުރެ ގިނައިން ދުންފަތުގެ އިސްތިޢުމާލުކުރަނީ ފިރިހެނުންކަމަށް ދައްކައެވެ. އެހެންކަމުން، ހިތުގެ ބައްޔާއި ފުއްޕާމޭގެ ބައްޔާއި ޕްރެޝަރު މައްޗަށް ދިއުމާއި ކެންސަރުފަދަ ނުރައްކާތެރި ބަލިމަޑުކަން ޖެހެނީ ފިރިހެނުންނަށެވެ.

އެކަމަށް ބާރުލިބޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޗައިނާގައި ފިރިހެނުންގެ 50 އިންސައްތަ ދުންފަތުގެ އިސްތިޢުމާލުކުރެއެވެ. އަންހެނުންގެ އިންސައްތައަކީ އެންމެ ފަހެކެވެ. 2018ވަނަ އަހަރު އިޓަލީވިލާތުގައި ކުރި ދިރާސާއެއްގައި ހުރިހާ އުމުރުފުރާއެއްގައިވެސް އަންހެނުންނަށްވުރެ ފިރިހެނުން ދުންފަތުގެ އިސްތިޢުމާލުކުރާ އިންސައްތަ މައްޗެވެ.

މުހިންމު އަނެއްކަމަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމެވެ. ދިރާސާތަކުން ދައްކާގޮތުގައި އަންހެނުންގެ ދިފާޢީ ނިޒާމު ފިރިހެނުންނަށްވުރެ ވަރުގަދަވުމުގެ އިތުރުން އަންހެނުންގެ ހަށިގަނޑުގައި ވެކްސިނާއި ބޭސް މަސައްކަތްކުރާ މިންވަރު ފިރިހެނުންނަށްވުރެ ރަނގަޅެވެ. އެއީ ނޭވާލާ ނިޒާމު ބަލިކަށިކޮށްލާ ކޯވިޑް-19ފަދަ ބަލިމަޑުކަން ފިރިހެނުންނަށް ޖެހުމުގެ ފުރުޞަތު ބޮޑުކޮށްދީ، ބަލީގެ އަސަރު ފިރިހެނުންނަށް ކުރާލެއް ބޮޑުވާކަމެކެވެ.